އުމަރު ޒާހިރު އޮފީސް އިމާރާތަށް ހަޔަރ އެޑިއުކޭޝަން ބަދަލުވެއްޖެ

ne

އުމަރު ޒާހިރުގެ ނަން ފުޅަށް ނިސްބަތްކޮށް، ހުޅުމާލޭގައި ހުޅުވާފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ބަދަލުކޮށްފިއެވެ.

މިއަދު ހެނދުނު ހަޔަރ އެޑިއުކޭޝަންގެ މަސައްކަތްތައް އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލުކުރީ ދެކުމާދިއުމުގެ ސަގާފަތާ އެއްގޮތަށެވެ.

ދެކުމާދިއުމަކީ މުޖުތަމައެއްގައި ކުރެވޭ ބޮޑެތި ކަންތައްތައް ފެށުމާއި ނިމުން ފާހަގަ ކުރުމުގެ ގޮތުން ކުރީ ޒަމާނުގައި މުޅި ރާއްޖޭގައި ވެސް ގެންގުޅުނު، ހަދިޔާދިނުމުގެ ރީތި އާދައެކެވެ. އެގޮތުން ދެކުމާ ގެންދާ ތަކެތީގެ ތެރޭގައި އެދުވަސްވަރެއްގައި އާއްމުކޮށް ގެންގުޅޭ ހިފާގެންގުޅޭ ތަކެއްޗާއި ކާބޯތަކެތީގެ ބާވަތްތަކާއި އެކިވައްތަރުގެ "ފަރިވަޅު" ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު މިފާހަގަކުރަނީ އަޅުގަޑުމެންގެ ތިން އޮފީހަށް "ދާއިމީ ބޯހިޔާވެހި ކަން ލިބުމުގެ އުފާކަމަށެވެ". މިގޮތުން ދައުރު ފެށިގެންދިޔައީ އެކި ތަންތަނުން ބޯހިޔާވެހިކަން ހޯދުމުންކަމުގައިވިޔަސް މިއަދު އަޅުގަޑުމެންނަށް ދާއިމީ ބޯހިޔާވެހިކަމެއް ލިބިފައިވާކަމަށެވެ.

އެހެންކަމުން މިއަދު މަސައްކަތްކުރަންވީ އަޅުގަޑުމެންނަށް ދެވޭ ޚިދުމަތްތަށް އިއްޔެއަށްވުރެ ރަނގަޅަށް މިއަދު ދެވޭތޯއާއި މިއަދަށްވުރެ ރަނގަޅަށް މާދަމާ ހިދުމަތް ފޯރުކޮށް ދެވޭތޯ ކަމަށައި، އަދި އެކުވެރިކަމާ އުފާވެރިކަމާއެކު އެންމެން ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް ނެޝެނަލް ސްކިލްސް ޑިވެލޮޕްމަންޓުގެ މަސައްކަތް މިހާރު ހިންގަމުންދަނީ އުމަރު ޒާހިރު ބިލްޑިންގ ގެ ފަސް ވަނަ ފަންގިފިލާގައެވެ. އަދި މި އިދާރާތަކުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބިލްޑިންގ ގެ ތިރީގައި ބެހެއްޓިފައިވާ ކައުންޓަރުން ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *