"50 އެނދުގެ 6 ހޮސްޕިޓަލާއި، 30 އެނދުގެ 12 ހޮސްޕިޓަލް ދަނީ ތަރައްގީކުރަމުން"

284075_4ec0f2ec-b_

ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި، 30 އެނދުގެ 12 ހޮސްޕިޓަލް ތަރައްގީ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތުގެ އަލިމަސް ޔޫބީލް ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް އަންނަނީ ތަރައްގީވަމުން ކަމަށާއި، އަދި ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި، 30 އެނދުގެ 12 ހޮސްޕިޓަލް ދަނީ ތަރައްގީ ކުރަމުން ކަމަށެވެ.

ސިއްހީ މަރުކަޒުތަކާއެކު މުޅި ސިއްހީ ދާއިރާ ތަރައްގީވެގެން އަންނައިރު، ސިއްހީ އިތުރު ހިދުމަތްތަކާއި، ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުޙަލާއެއްގެ ތެރޭގައިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިއްޙީ ހިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެއަށް ތައާރަފްކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ ކަމަށެވެ.

މީގެއިތުރުން ސިއްހީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް އެތައް ހިދުމަތެއް އަޅުގަނޑުމެން މިހާރު ފަށާފައިވާ ކަމަށާއި، ތްރީޓެސްލާ އެމްއާރ.އައިގެ ހިދުމަތް 2019 ވަނަ އަހަރު އަދި ޕްލާސްޓިކް ސާރޖަރީ އާއި، އެންޑޯކްރައިނޮލޮޖީގެ އިތުރުން، ނިއުރޯ ސާރޖަރީ އާއި، ރިއުމެޓަލޮޖީގެ ޚިދުމަތް 2022 ވަނަ އަހަރު އައިޖީއެމްއެޗްގައި ފެށިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *