އިތުރު 3 އެއާޕޯޓް މި އަހަރު ނިންމާ ހިދުމަތް ދެވޭނެ: ރައީސް ސޯލިހު

888sw

މި އަހަރު ތެރޭގައި އިތުރު ތިން އެއާޕޯޓެއް ނިންމާ ހިދުމަތް ދޭން ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، މ. މުއްޔާއި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި އަޅުގަނޑުމެން ޤާއިމުކުރާ ވައިގެ ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ނިމި ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.

މިއާއެކު، ނ. މާފަރު ވައިގެ ބަނދަރު އިތުރަށް ތަރައްޤީކޮށް، ފެންވަރު މަތިކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވެސް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅުގައި ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށީގައި ގާއިމުކުރާ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ ހަތަރު ވައިގެ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ އެންމެ ފަހު މަރުޙަލާގައި ކަމަށެވެ. އަދި ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓާ ގުޅޭ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ. އަދި އެއީ ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި، އިޤްތިޞާދީ ޙަރަކާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ދިރުމަކަށް ވެގެންދާނެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތުތަކަށްވެސް ވެގެންދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ގުޅުވައިލުމަށް ކުރާ މަސައްކަތުގެ ސަބަބުން، މުޅި ރާއްޖެއަށް އެތައް ގޮތަކުން ކުރިއެރުމާއި ތަރައްޤީ ލިބެމުން ދާނެ ކަމަށާއި، އަދި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އަމިއްލަ ފުދުންތެރިކަން އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *