އެޗްޑީސީގެ ބިމެއް އޮޅުވާލައިގެން ވިއްކާފައެއް ނުވޭ!

big_BQDVYX5WJaWzR00kapvyvFqqh

އެޗްޑީސީގެ ބިމެއް އޮޅުވާލައިގެން ވިއްކާފައި ނުވާ ކަމަށާއި، ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުއާމަލާތެއް ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލައި، މުވައްޒަފު ވަނީ ވަގުތުން ސަސްޕެންޑް ކުރެވިފައި ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުއާމަލާތްކޮށް އެ މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާ ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެޗްޑީސީން ފައިސާގެ މުއާމަލާތެއް އަމިއްލަ މުވައްޒަފެއްގެ އެކައުންޓު މެދުވެރިކޮށް ނުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެކަމަށް ސަމާލުވާންވެސް އެޗްޑީސީން ވަނީ ނަސޭހަތްތެރިވެފައެވެ.

މި މައްސަލައިގައި އެއް މިލިއަން ރުފިޔާގެ ބިމެއް ވިއްކާފައިވާ ކަމަށް މީޑިއާތަކުގައި ދައުރުވަމުން އަންނަ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެ މުވައްޒަފަށް ބިމެއް ވިއްކުމުގެ ފުރުސަތު އެޗްޑީސީގެ އުސޫލުތަކުގެ ތެރެއިން ލިބިފައި ނުވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެއިތުރުން އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ބިން ވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ވަނީ ހަރުދަނާ ދެފުށް ފެންނަ ހަމަހަމަ އުސޫލަތަކަށް ކަމަށާއި، އާއްމުކޮށް ހުޅުވާލައިގެން ގެޒެޓްގައި އިއުލާން ކުރުމުކަމާ ނުލައި، އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެ ކަމަށް ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފުގެ އަމަލަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށް ފާހަގަކޮށް އެފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާމެދު ވަގުތުން ހަރުކަށި ފިޔަަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *