ފެން ހަމަކަށް ތެޔޮ އަޅައި, އެ އަދި ކިތަންމެ ވަރަކަށް ތެޅުވިޔަސް, އެއީ އެއް ވާނޭ ދެ އެއްޗެއް ކަމަށް އިންސާނީ ބުއްދި ގަބޫލެއް ނުކުރެއެވެ. ދުނިޔެވީ ޤާނޫނު ހިނގާ މަގަކީވެސް އެއީ އެވެ. ފެނާއި ތެލާއި އެއްވާނޭ ހަމަ އެއްވެސް ހަމައެއް އަދި އެއްވެސް އިންސާނަކަށް އީޖާދެއް ނުކުރެވެއެވެ. ކުރެވޭނޭ ކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ. ދުނިޔެ ހިނގާ ޤާނޫނު ބަދުލު ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވަނީއެވެ. އެ ދެ އެތީގެ ޠަބީޢަތް ބަދަލު ނުކުރެވޭތީއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އެތުރެމުންދާއިރު, ފެންނަމުން މިދަނީ ތެލާއި ފެނާއި އެއްކުރަން އުޅޭ މަންޒަރޭވެސް ހީވާކަހަލައެވެ. އެމްޑީޕީ އެތެރޭގެ އިންތިހާބުން ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން” ބަލިވެ, ސިޔާސީ ގޮތުން ގޮތް ހުސްވަނީކަމަށް ހީވީމާ, އެމަނިކުފާނުވެސް މިހާރު ފަށާފައި އެވަނީ އެފަދަ މަސައްކަތެކެވެ. ޖުމްހޫރީ ޕާޓީއާއި ގުޅި, އެމްޑީޕީގެ ވެރިކަން ބަލިކަށިކޮށް, ކުރިއަށް އޮތް ރިޔާސީ އިންތިހާބުން އެމްޑީޕީގެ ޓިކެޓު ކާމިިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަޅި ބަލިކޮށްލުމަށްޓަކައި, ޠަބީޢީ ގޮތުން އެމަނިކުފާނާއި އިދިކީލަ ބޭފުޅަކާއެކު މަސައްކަތް ކުރައްވަން އެ ހުންނެވީ ތައްޔާރަށެވެ. އެހެނަސް, ސިޔާސީ މައިދާނުގައި ކީހާ ޅެން ދިވެހި ރައްޔިތުން ހަނދާން ނެތޭނޭ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމަކެވެ. އެކި ގޮތް ގޮތުން އެކި ރާގު ރާގަށް އެ ޅެންތައް މާ ގިނަ ފަހަރު ކީފައި އޮތަތީއެވެ.
“ސައުދާގަރުން ވެރިކަމަށް ފައި ނެގުން”
ރައީސް މުހައްމަދު ނަޝީދާއި ޤާސިމް އިބްރާހިމް އަކީ ސިޔާސީ މައިދާނުގައި ބައު ނަންތަކެކެވެ. ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތައާރަފް ކުރުމުގެ މާ ކުރިންވެސް އެ ދެ ބޭފުޅުން ގެންދެވީ ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ.
ހަގީގަތުގައި, ސިޔާސީ މައިދާނުގައި އެމީހެއްގެ ޠާބީޢަތް އެންމެ ރަނގަޅަށް ދެނެގަނެވޭނީ މައިދާނުގެ ދެ ފަރާތުގައި ތިބެން ޖެހޭ ފަހަރު ފަހަރުއެވެ. ރައީސް މުހައްމަދު ނަޝީދާއި ޤާސިމް އިބްރާހިމްގެ އެފަދަ މަންޒަރެއް އެންމެ ފުރަތަމަ ފެނުނީ ގިނަ ޕާޓީ އެކުލެވޭ ގޮތަށް ބޭއްވި ފުރަތަމަ އިންތިހާބުންނެވެ. 2008 ވަނަ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރަށް ރައީސް ނަޝީދު އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވިއިރު, ޤާސިމް އިބްރާހިމް ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ދެ ބޭފުޅުންވެސް ގިނަ ޅެންތަކެއް އެކި ވަޒަނަށް ހަދައި ރައްޔިތުންނަށް ހުށަހެޅިއެވެ.
އޭގެތެރެއިންވެސް, ރައީސް ނަޝީދު އެންމެ އަޑުހަރުކޮށް އެ އިންތިހާބުގައި ކިޔަމުންދިޔަ އެއް ޅެމަކީ ސައުދާގަރުން ދިވެހިރާއްޖޭގެ ވެރިކަމަށް ފައި ނެގުމުގެ ވާހަކައެވެ. 1800 އަހަރުތަކުގެ ތެރޭގައި ގަލޮޅުގޭ އަލިކިލޭގެފާނުންނާއި ހަމައިން ފެށިގެން, 2008 ވަނަ އަހަރު މާމިގިލީ ޤާސިމް އިބްރާހިމްއާ ހަމައަށް ދޭތެރެއަކުން ވިޔަފާރިވެރިން ތަހުތުގެ ދަހިވެތިކަމުގައި އުޅޭ ވާހަކައެވެ. ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުން ނަޝީދު އޭރު ސިފަކުރެއްވީ “ކަންބޮޑުވާ” ކަމެއްގެ ގޮތުގައެވެ. ރޭޑިއޯ ޗެނަލްތަކަށް ދޭތެރެއަކުން އަރައި ވިދާޅުވަމުން ގެންދެވީ ޤާސިމް އިބްރާހިމް އިންތިހާބުކޮށްފިނަމަ ދައުލަތުގެ ހަޒާނާއާ އަމިއްލަ ވައްގަނޑާއި އޮޅިދާނޭ ކަމަށެވެ.
އެކަންކަމަށް ބާރުދިނުމުގެ ގޮތުން, ޤާސިމް އިބްރާހިމްގެ ވިޔަފާރިތައް ހިންގަމުންދާގޮތް ދައުލަތުން ބަލައިފިނަމަ, އެމަނިކުފާނު ޓްރެޝަރީގައި މަސައްކަތް ކުރެއްވިއިރާއި އަދި އޭގެ ކުރިންވެސް ދައުލަތުގެ ހަޒާނާގެ ތަޅުދަނޑިއާއި އަމިއްލަ ވައްގަނޑުގެ ތަޅުދަނޑިއާ އެއް ތަޅުދަނޑިއަކަށް ވާތަން ފެންނާނޭ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް, 2008 ވަނަ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުން ޤާސިމް އިބްރާހިމް ނާކާމިޔާބު ވެވަޑައިގަތުމުން, ދެވަނަ ބުރުގައި ނަޝީދު ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެއްދެވިއެވެ. އެވަގުތު ސިޔާސީ މަސައްކަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ގަބޫލުކޮށް ދެ ބޭފުޅުން މައިދާނުގެ އެއް ފަރާތަކަށް ޖެހިވަޑައިގަތެވެ. އެހެނަސް, މިފަހަރުވެސް ޠަބީޢީ ގޮތުން ތަފާތު ދެ އެއްޗެއް އެއް ނުކުރެވޭނޭކަން މާ ގިނަ ދުވަހެއް ނުވެ ހާމަވިއެވެ.
“ކޯލިޝަނަކީ ރިޔާސީ ނިޒާމް ދަންނަ ކަމެއް ނޫން”
2008 ވަނަ އަހަރު އެމްޑީޕީ އިސްވެއޮވެ, ޖުމްހޫރީ ޕާޓީވެސް ހިމެނޭހެން އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައި ދެވަނަ ބުރު ކާމިޔާބު ކުރިއެވެ.
އެހެންނަމަވެސް, އޭރުވެސް އަދި ދާދި ފަހަކާއި ޖެހެންދެންވެސް, ރައީސް ނަޝީދު ދައްކަވާ އެހެން ވާހަކައެއް އޮވެއެވެ. އެއީ ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމް ދަންނަ ކަމެއް ނޫންކަމަށެވެ. ޠާބީޢީ ގޮތުން ތިމާ ގަބޫލުނުކުރާ ކަމެއް ކުރުމަކީ ކޮންމެ އިންސާނަކަށްވެސް އުނދަގޫވާނޭ ކަމަކެވެ. ދެއްކުންތެރިކަމުގައި އެކަން ކުރަން މަސައްކަތް ކުރިއަސް, އެއީ އަދި މާ ގިނަ ދުވަހު ކުރެވޭނޭ ކަމެއް ނޫނެވެ.
އެކަން އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިން ވަރަށް ރަނގަޅުއް ދުށްވެސް މެއެވެ. އެގޮތުން, އިންތިހާބު ކާމިޔާބުކޮށް, ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ޤާސިމް އިބްރާހިމް އައްޔަންކުރި ނަމަވެސް, މާގިނަ ދުވަހެއް ނުވެ ކޯލިޝަން ރޫޅި ޤާސިމަށް ޖެހިވަޑައިގަތީ އެ މަގާމުން އިސްތިއުފާދެއްވާށެވެ. ޖުމްހޫރީ ޕާޓީއިން ސަރުކާރާއި ފެޔަށްޖެހި, އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުނީވެސް ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމަކީ ރައީސް ނަޝީދުގެ ޠަބީޢަތުގައި ނެތް ކަމަކަށް ވާތީއެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓި, އުފެދުނު ރައީސް ޔާމީންގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އަނެއްކާވެސް ރައީސް ނަޝީދުއާއި ޤާސިމް މައިދާނުގެ އެއް ފަރާތަކަށް ޖެހިވަޑައިގެން މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތުގެ ތެރެއިން, ކޯލިޝަން ޕާޓްނަރުންގެ މަދަދާއެކު, ރައީސް ޞާލިހު 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރިއެވެ. ރައީސް ޞާލިހުގެ ވެރިކަމަށް މިހާރު 5 އަހަރުވާން ކައިރިވެފައިވާއިރު, މި ފަސް އަހަރު ރައީސް ނަޝީދު ކިޔުއްވަމުން ގެންދެވީ އެއް ޅެމެކެވެ. މިފަހަރުވެސް އެކި ރާގު ރާގަށް އެ ޅެން ކިޔެއް ކަމަކު, އަސްލަކީ އެއް ވާހަކައެކެވެ. އެމަނިކުފާނުގެ ވިސްނުމުގައި ކޯލިޝަނަކީ ރިޔާސީ ނިޒާމް ދަންނަ ކަމެއް ނޫނެވެ.
ކޯލިޝަން ދެމެހެއްޓުމަށް ރައީސް ޞާލިހު ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް މަޖިލީހުގެ ތެރެއިންނާއި ޕާޓީގެ ތެރެއިންވެސް ފިއްތުންތައް ރައީސް ނަޝީދު އިންތިހާއަށް ކުރިމަތިކުރުވިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ތިބި ކެބިނެޓް މެންބަރުން މަޖިލީހަށް ހާޒިރުކޮށް އުނދަގޫކުރުމުން ފެށިގެންގޮސް, އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭ ވާހަކައެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރު ރައީސް ނަޝީދު ތާއަބަދުމެ ދެއްކީ ކޯލިޝަން އުވާލަން ޖެހޭ ކަމުގެ ވާހަކައެވެ. އެމްޑީޕީއަށް އެންމެ ފައިދާވާނީ އޭރުން ކަމަށެވެ.
ސިޔާސީ ބައެއް މީހުންނަކީ އިރުއަރާއޮއްސޭއިރު ދެތިން ހަތަރުފަހަރަށް އެމީހުންގެ ވާހަކަ ބަދަލުވާ ބައެކެވެ. 2018 ވަނަ އަހަރު އުފެދުނު ވެރިކަމުގެ އިރު އޮއްސެން މިހާރު ކައިރިވެފައިވާއިރު, އެހެން ދައުރަކަށް އިރު އަރަންވާއިރަށް ނަޝީދު ކީހާ ޅެމެއް ފަރިއްސަށްވެ ނިމެނީއެވެ. ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނޭކަން އިއުލާން ކުރުމާއެކު, ޤާސިމް އިބްރާހިމްއަކީ ރައީސް ނަޝީދު އިންތިހާއަށް ތާއީދުކުރާ މީހަކަށް ވެއްޖެއެވެ. ސަރުކާރުގައި ދެ ރިޔާސީ ކެނޑިޑޭޓުން ތިބުމަކީ ބުއްދި ގަބޫލުނުކުރާ ކަމަކަސް, މިހާރު ކޯލިޝަންވެސް ރައީސް ނަޝީދަށް ކަމުދެއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓު ތަކުގައި ތިބި މީހުންގެ މަޖިލީހަށް ހާޒިރުކޮށް ދެއްކި ވާހަކަތައް ހަނދާންނެތި, އެމީހުން މަގާމުތަކުން ވަކި ނުކުރެވޭނޭ ކަމަށްބުނެ މިހާުރު އެ ހުންނެވީ އެ ބޭފުޅުންގެ ދިފާއުގައި ފައި ނަންގަވައިގެންނެވެ.
ފަހަރުގައިވެސް, ޖުމްހޫރީ ޕާޓީއިން ބަރުލަމާނީ ނިޒާމަށް ތައީދު ކުރަނީއަކީއެއް ނޫނެވެ. އަދި ކިއެއްތަ, އެ ޕާޓީގެ އުންމީދަކީވެސް އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް އުފެއްދުމެވެ. އެ ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި “ފިކުރެއްގެ ދިރުން” މަސައްކަތް ކުރަން ތައްޔާރު ކަމަށް އިއުލާން ކުރައްވާފައި އެވަނީ މިވަގުތު ސިޔާސީ ގޮތުން ފައިދާ ބޮޑީ މައިދާނުގެ އެއް ފަރާތުގައި ތިބުމުން ކަމަށް ރައީސް ނަޝީދަށް ގަބޫލުކުރެވޭތީއެވެ.
އެހެންނަމަވެސް, ތިމާގެ ޠަބީޢަތަކީ ބަދަލުކުރެވޭނޭ އެއްޗެއް ނޫނެވެ. ފެނާއި ތެލާއި އެއް ނުކުރެވޭނޭ ފަދައިން, ރައީސް ނަޝީދާއި ޤާސިމަށް ސިޔާސީ މަސައްކަތް ގުޅިގެން މާގިނަ ދުވަހު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ޠަބީޢީ ގޮތުން ތަފާތު ދެ އެއްޗެއް އެއް ކުރަން އުޅުނަސް ދުނިޔެ ހިނގާ ޤާނޫނު ބަދަލެއް ނުކުރެވޭނެއެވެ. ދެއްކުންތެރިކަމުގެ ގޮތުން އެކަން ކުރަން އުޅުނަސް އެއީ ވާނޭކަމެއް ނޫނެވެ. އަދި ކިއެއްތަ، ކީހާ ޅެމެއް ފަރިއްސަވެ ދިޔަޔަސް އެ ޅެންތަކާއި އެ މާޒީ ރައްޔިތުންގެ ހަނދާނުގައި އަދިވެސް އެބަ ހުއްޓެވެ.