ރޯދަ މަހު ދީނީ އަދި އަހްލާގީ ރީތި އާދަތަކުގެ މަތީ ދެމިތިބެން ރައީސް އިލްތިމާސްކުރައްވައިފި

285981_7efd2308-a_

މި ފެށޭ ރޯދަމަހަކީ، ކީރިތި ގުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަޚްލާޤީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިކަމަށް އިލްތިމާސް ކުރެއްވީ ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތަޖުވީދު މަގުން ކީރިތި ގުރްއާން ކިޔެވުމާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުޤައްދަސް އަޅުކަމެއްކަން ފާހަގަކުރައްވައި އެކަމުގައި ދެމިތިބުމަށް އިލްތިމާސްކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ރާއްޖޭގައި ގިނަ އަދަދެއްގެ ހާފިޒުން ތިއްބެވިނަމަވެސް ހާފިޒުންގެ ގޮތުގައި ދެމިތިއްބެވުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގިނަ ޢަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުންފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ގުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތި ޤުރުއާނުގައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން ފާހަގަކުރައްވައި ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުމުގެ މުހިންމުކަން ވެސް އެމަނކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުގެ ބައިން 1 ވަނަ، މުބާރާތުގެ ޙާފިޒުންގެ ގޮފިން 1 ވަނަ، މުޅި މުބާރާތުގެ 3 ގޮފި އެއްކޮށް 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އަދި 2022 ވަނަ އަހަރު ޤުރުއާން ހިތުދަސްކުރި ޙާފިޒުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ސޯލިހުއެވެ.

މި މުބާރާތުގައި ސިޓީތަކަށް ނިސްބަތްވާ 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބްޖަމުޢިއްޔާތަކާއި ޤުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ޙާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *