ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ: ރައީސް

286817_cfbfb3b6-c_

ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ކަންކަން ނިންމުމުގެ މަރުޙަލާއަށާއި، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުން 2022 ވަނަ އަހަރު ކަނޑައެޅުއްވި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން އެ ޕްލޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށް މަސައްކަތް ރޭވުމާއި، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަޞްލަޙަތަށްވެސް ހަމަހަމަ ގޮތެއްގައި ރިޢާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނޭކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިއާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާ އިދާރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ" މި ޝިއާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަމުގައެވެ. އަދި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިގްތިސާދު ސިންދަފާތުކުރުމަށާއި، އައިސީޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިއާޔަތްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭންފެށުމާއި، ޤައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު، 2 އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުންވެސް އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަދި މަޔަކަށް ވުމަށްފަހު، އަންހެނުންނަށް ފްލެކްސި ވަރކިން އަވަރ އެކި އިދާރާތަކުން ހަމަޖައްސައިދެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރު ރެހެނދި އެވޯޑު ޙާޞިލްކުރި ފަރާތްތަކަށް މި އެވޯޑު ޙަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ 2023 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލްކުރި ފަރާތްތަކަށް ބްރޫޗް ޙަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި "އެމޭޒް" ވީޑިއޯ ސީރީޒްގެ ފުރަތަމަ ވީޑިއޯ ދައްކާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "މަދަދުގާރު" މޯބައިލް އެޕް އިފްތިތާޙްކޮށްދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *