މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 23 މާޗު 2023 ވާ ބުރާސްފަތި ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، (މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ މާޗު މަހުގެ 21) ވީ އަންގާރަ ދުވަހު އިރު އޮއްސޭއިރު، ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިފައި ނުވާ ކަމަށެވެ.
އިސްލާމީ ގިނަ ގައުމުތަކަށްވެސް 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ނުހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރު ކުރެވިފައިވާ ކަމަށާއި، އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއާއެކު އިސްލާމިކް މިނިސްޓްރީން ބުނީ، މާދަމާ 22 މާޗު 2023 ވާ ބުދަ ދުވަހަކީ ހިޖުރީ ސަނަތުން 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، 23 މާޗު 2023 ވާ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.