ފުލުހުންގެ ޤާނޫނަށް އެއްވަނަ އިސްލާޙް ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

287028_df9adbc3-7_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގާނޫނު ނަންބަރު 2020/34_(ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު) އަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ 20 މާރިޗު 2020 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.

މި ބިލުގައި އިސްލާޙު ހުށަހަޅައިފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށާއި 100 ވަނަ މާއްދާގެ (ކ) އަށެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 17 ވަނަ މާއްދާ އަކީ ރެކްރޫޓްކުރުމުގެ ކުރިން އިތުރު ބެކްގްރައުންޑް ޗެކްކުރުމާ ގުޅޭ މާއްދާއެވެ. މި މާއްދާއަށް ހުށަހަޅައިފައި އިސްލާޙަކީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަކީ މިފަދަ ވަޒީފާއެއް އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށް ޓަކައި ލާޒިމުކުރާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއްވާއިރު، އެފަދަ ބެކްގްރައުންޑް ޗެކެއް ހަދާ ކޮންމެ ޙާލަތެއްގައި އެ ހުރިހާ ކަމެއް އެކުގައި ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެތީ، ހުށަހަޅައިފައިވާ އިޞްލާޙެކެވެ.

މިގޮތުން ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ހަދާ ބެކްގުރައުންޑް އެނަލިސިސްއަކަށްފަހު، ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަޞީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް އެއް ހެދުމަށް ހުރަހެއް ނެތްކަން މި އިސްލާޙުގައި ބަޔާންކޮށްފައި ވެއެވެ. އަދި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ޢަމަލުކުރާނެ އުސޫލުތަކާއި، ބޭނުންކުރެވިދާނެ އިތުރު ވަޞީލަތްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމުގައި ވެސް މި އިޞްލާޙުގައި ވެއެވެ.

މި ޤާނޫނުގެ 100 ވަނަ މާއްދާގެ (ކ) އަށް ހުށަހަޅައިފައިވާ އިޞްލާޙަކީ، ތަހުޤީޤުކުރާ ފުލުހުން ފުރިހަމަ ކުރުމަށް ލާޒިމް ކުރާ ސަނަދު ހާސިލުކުރުމަށް، މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ތަޙްޤީޤުކުރާ އެންމެހައި ފުލުހުންނަށް އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށް ނިންމިދާނެ ކަމަށް ނުފެންނާތީ، މިހާތަނަށް އެފަދަ ސަނަދެއް ޙާޞިލުކޮށްފައި ނުވާ ތަޙްޤީޤުކުރާ ފުލުހުންނަށް އެ ފުރުޞަތު ދިނުމުގެ ބޭނުމުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު، 27 މާރިޗު 2024 ގެ ނިޔަލަށް އިތުރުކުރުމުގެ އިހްތިޔާރު ކޮމިޝަނަރ އޮފް ޕޮލިހަށް ލިބިދޭގޮތަށް ކަނޑައަޅައިފައިވާ އިސްލާހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *