މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މުޅިން އަލަށް ފަސް ފަރާތަކާ ހަވާލުކުރައްވާ މަޤާމުގެ ކުރިއެރުންދެއްވައިފިއެވެ.
މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްޢުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. އަދި މި ފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.
ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މިއަދު ލިބިވަޑައިގެންވި ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އަދި މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ މި ފަސް ބޭފުޅުންނާ ބައްދަލުކުރައްވާ، މަރުހަބާ ދަންނަވާފައެވެ.
މިނިސްޓަރަ މާރިޔާ ވިދާޅުވީ، މިއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ މިމުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި މިފަސް ބޭފުޅުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއް ރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.