ޑިމޮކްރަސީ އާލާކޮށް ރަނގަޅު މުސްތަގްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރަން ޖެހޭ: ރައީސް

287430_5e6de6aa-7_

ޑިމޮކްރަސީއަކީ އަބަދުވެސް އެއަށް ހޭނުމާއި އީޖާދީގޮތްތަކާއި އާކަންތައްތައް އޭގައި ހިމެނޭ އަދި އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ އެއްޗެއްކަން ފާހަގަކުރައްވައި ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރުމަށް ބައިނަލްއަގްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި "ސަމިޓް ފޮރ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާލައްވަމުން ފިސްކަލް އެކައުންޓަބިލިޓީއާ ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ރައީސް ސޯލިހުގެ ވާހަކަފުޅުގައި ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ގާނޫނަށް ދެ އިސްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޕަރފޯމަންސް ބޭސްޓް ބަޖެޓިންގއާ ދިމާއަށް ދިޔުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ޖުޑިޝަރީ އިސްލާހުކުރުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ރައީސް ސޯލިހު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު ރަނގަޅުވެ،ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިޞްލާޙާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފު ކުރުމާއި އަދި އެ ޝަރްޢީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވަނީ މިއީ މި ސަރުކާރުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައިދިނުމާއި، ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވަކަން ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވަނީ މި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި މިނިވަން މަދަނީ ޖަމްޢިއްޔާތަކުގެ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންތައްތައްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި ޖަމްއިއްޔާތަކުގެ ގާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަސީލަތްތައް ފަހިކޮށްދީގެން މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެންޖީއޯ ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމްއިއްޔާތަކަށްވެސް އެ ޖަމްއިއްޔާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަން ވެސް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *