ނައިބްރައީސް އަރިހަށް ސީއައިޑީސީއޭގެ ވައިސް ޗެއާމަން ޒިޔާރަތް ކުރައްވައިފި

287610_b759fbdf-3_

ނައިބްރައީސް ފައިސަލް ނަސީމްގެ އަރިހަށް، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ) ގެ ވައިސް ޗެއަރމަން، ޑަން ބޮކިންގ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ނައިބްރައީސް އާއި ސީ.އައި.ޑީ.ސީ.އޭގެ ވައިސް ޗެއަރމަން ވަނީ، ދިވެހިރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ފާއިތުވެ ދިޔަތަނުގައި، ދެޤައުމުގެ ގުޅުންބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ނައިބްރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރައްވައި، ފާއިތުވެ ދިޔަ އަހަރުތަކުންފެށިގެން ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އެގޮތުގައި ދަމަހައްޓާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާއި ޞިއްޙީ ޚިދުމަތްތަކާއި ޢުމުރާނީ ތަރައްޤީގެ އިތުރުން، މޫސުމީ ބަދަލުތަކާގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީބަދަލުތަކަށް ހޭނުމާއި، އެނޫންވެސް މުހިއްމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވާކަން ފާހަގަކުރައްވައި، ވިލުންވެެރި މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޚާއްޞަގޮތެއްގައި ބޭނުންވެފައި ވަނީ، މާލީ އެހީކަން ރައީސުލްޖުމްހޫެރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ނައިބްރައީސް އާއި، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ މިގުޅުން، ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *