ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ ޑްރަގް އަތުލައިގަނެފި

download

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި ފެނިފައި މިދިޔަ މާޗު މަހުގެ 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖުތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން މާޗު 29 ގައި ބަލާ ފާސްކުރެވުނު 2 ޕެކޭޖެއްގެ ތެރެއިން 6 ދަޅުން މަސްތުވާތަކެތި ފެނިފައިވާއިރު، މާޗު 31 ވަނަ ދުވަހު ފެނުނު 4 ދަޅުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މިތަކެތި ތަހުލީލު ކުރިއިރު މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަަމަށްވެސް ކަސްޓަސްއިން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1800 ގްރާމް ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 3.24 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *