ޝާޒްއާއެކު ގުރައިދޫ ދާއިރާއަށް އިތުރު ކުރިއެރުން އަންނާނެ: ރައީސް ސޯލިހު

d8e490bf-b110-432a-84c9-79874e365f76

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްއާއެކު ދާއިރާއަށް އިތުރު ތަރައްގީ އާއި ކުރިއެރުން އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޝާޒްއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް ސޯލިހު ގުރައިދޫ ދާއިރާގެ ތިން ރަށަށް ކުރައްވާ ދަތުރުފުޅުގައި ކ.ގުރައިދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ މެމްބަރު ކަމަށް ކުރިމަތި ލެއްވުމުގެ ކުރިންވެސް ޝާޒް ވަނީ ގުރައިދޫ ދާއިރާގައި ހިމެނޭ ތިން ރަށުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށާއި، މެމްބަރު ކަމަށް ޝާޒް ހޮއްވަވައިދެއްވައިފި ނަމަ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޝާޒް ކުރައްވާ މަސައްކަތް މާ ކައިރިން ކުރެވޭނެ ކަމަށެވެ.

"ޝާޒްއަކީ އަޅުގަނޑު ދަންނަ ބޭފުޅެއް. ވަރަށް ހީވާގި. ވަރަށް އެކުވެރި. މީހުންނާ ގާތް ގުޅުމެއް ބާއްވާ ހާއްސަކޮށް ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަނީ ހަމައެކަނި ގާނޫނު ހެދުމަކަށް ނޫން ކަމަށާއި، ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުން ބޭނުންވާ ކަންކަން ތަންފީޒު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ސަރުކާރުން އެކި ދާއިރާތަކުގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތަކުގައި ދާއިރާ ތަމްސީލްކުރައްވާ މެމްބަރުންގެ ބައިވެރިވުން ވަރަށް މުހިންމުވާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *