އަލިރަސްގެފާނު ޒިޔާރަތް ބެލެހެއްޓުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

339696705_547846137473969_1833928908576746412_n

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒް އާއި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މަރުކަޒުގެ އިސްވެރިޔާ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ތާރިޤް އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާޙް އެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަ އާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސަރވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ގެ ޚާއްސަ ލަފައާއި އިރުޝާދާއި އެކު، އެމްޑަބްލިއުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިޔައްގެންދާ މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެއެވެ.  އަދި އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރައްޖޭގެ މުއްސަނދި ސަޤާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަޤާފަތް އަންނައޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *