އެފްކޮންސް އިންފްރަސްޓްރަކްޗާ ކުންފުނި ވިއްކާލި ނަމަވެސް، ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އަސަރު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، އެފްކޮންސް ވިއްކާލުމާ ގުޅޭ އެއްވެސް މުއާމަލާތެއް އެ ކުންފުނިން ސަރުކާރާއެކު ކޮށްފައި ނުވާ ކަމަށާއި، އެ ކުންފުނި ވިއްކާލިޔަސް ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކަށް ބުރޫނާރާނެ ކަމަށެވެ.

އެފްކޮންސްގެ ޕޭރެންޓް ކުންފުނިން އެފްކޮންސްގެ ހިއްސާ އެހެން ބަޔަކަށް ބަދަލު ކުރުމަކީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ބުރުލެއް އަރާނެ ކަމެއް ނޫންކަން ފާޙަގަކުރައްވާ މިއުވާން ވިދާޅުވީ، އެ ކުންފުންޏާ ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށާއި، އަދި އެ ކުންފުންޏާއެކު ކުރަމުންދާ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.
މީގެއިތުރުން މިއުވާން ވިދާޅުވީ، އެފްކޮންސް ވިއްކާލުމުން އެ ކުންފުނިން ރާއްޖޭގައި ހިންގަމުންދާ މަސައްކަތްތަކަށް ލޮޅުން އަރާނެކަން ދައްކަން ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރައްވަފާނެ ކަމަށެވެ.
އެފްކޮންސް އިން އަންނަނީ ރާއްޖޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތާއި، އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.