ހިތްގައިމު ސެންޓްރަލް ޕާކާ އެކު ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް

8373140D-95EC-4AF3-8357-6E0733D77E28

އެމެރިކާގެ ނިއު ޔޯކުގެ ސެންޓްރަލް ޕާކެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގެ ހައިޑް ޕާކެވެ. ކެނެޑާގެ މޮންޓްރިއަލްގެ މައުންޓް ރޯޔަލަ ޕާކެވެ. މިއީ ހައްތަހާ ވެސް ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ލޭންޑްމާކްތަކެކެވެ. މިއިން ކޮންމެ ސިޓީއެއްގެ ނަން ބުނުމުން ވެސް އެންމެ ފުރަތަމަ ވިސްނުމަށް އަންނާނީ މި ޕާކްތަކުގެ ނަންތަކެވެ. އެއީ، މި ޕާކްތަކަކީ މި ސިޓީތަކުގެ އައިޑެންޓިޓީއާ ގުޅިލާމެހިފައިވާ މުހިންމު ތަންތަނަށް ވާތީ އެވެ.

މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ކުރީގައި ގުނާލެވޭ މަންޒިލްތަކެވެ. ރާއްޖޭގައި ޕްލޭން ކުރެވިގެން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ހުޅުމާލޭގެ ސެންޓްރަލް ޕާކަކަކީ ވެސް މުޅި ހުޅުމާލޭގެ އައިޑެންޓިޓީއާ ގުޅިލާމެހިފައިވާ ތަނެކެވެ. ފަންނުވެރިކަމާއި ހުނަރު ދައްކުވައިދޭ ތަނެކެވެ. އެކުވެރިކަމާއި ގުޅުން އާލާކޮށްދޭ ތަނެކެވެ. ދުޅަހެޔޮކަމާއި ފުރިހަމަ ސިއްހަތެއްގެ ބައިވެރިޔެކެވެ.

ހުޅުމާލެ ލޮނުން މައްޗަށް ހިކި ފެންނާން ފެށީއްސުރެ ސިޓީއެއްގެ ކުލަވަރު ޖެހެމުންދާތާ އެތައް ދުވަހެއްވީ އިރު ވެސް ހުޅުމާލޭގެ "އައިޑެންޓިޓީ" އަށް އޮތީ އެކަށީގެންވާ ފެންވަރެއްގައި ތަރައްގީ ނުކުރެވި އެވެ. ވަށައިގެން މައްޗަށް އަރަމުންދިޔަ އިމާރާތްތަކާއި އެއްވަރަށް ސެންޓްރަލް ޕާކު ތަރައްގީ ކުރަން ޖެހޭ ކަމުގެ ވިސްނުން އައިސް އެ މަސައްކަތް ކުރުމަށް މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ދެކުނެވެ. އަދި، މިއީ ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ނުހަނު މުހިންމު އަދި ހެޔޮ ބަދަލުތަކެއް އަންނާނެ މަޝްރޫއުއެއްކަން ސަރުކާރުން ގަބޫލުކުރި އެވެ.

ސަރުކާރުގެ ކާމިޔާބު ހާރިޖީ ސިޔާސަތުތަކުގެ އަލިގަދަ ދަލީލަކަށް ވެގެންދިޔައީ އިސާހިތަކު މި ޕްރޮޖެކްޓު ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން އިންޑިއާގެ ސަރުކާރުން ހަމަޖެހިގެން ދިޔުމާ އެކު އެވެ.

އެއާ އެކު ކޮވިޑުގެ ފުރަބަންދުގައި މުޅި ގައުމު އޮތް ދަނޑިވަޅެއްގައި މަޝްރޫއުގެ ފައިސާ ހަމަޖެހި މަސައްކަތުގެ އެއްބަސްވުމުގައި އިންޑިއާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރުން ސޮއިކުރީ 27 އޮގަސްޓު 2020 ގަ އެެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކު މަރާމަތު ކުރުމަށްޓަކައި އަށް މިލިޔަން ނުވަސަތޭކަ ނުވަދިހަ ތިން ހާސް ހަސަތޭކަ ސާދަ (8993614.88) ރުފިޔާ އިންޑިއާ ސަރުކާރުން ވަނީ ކޭޝް ގްރާންޓުގެ ގޮތުގައި ދީފަ އެވެ.

މިއީ ކުޑަ އަދަދެއް ކަމުގައި ދެކުނަސް ހަގީގަތުގައި މިއީ އޭގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ގެނުވި މަޝްރޫއެކެވެ. އޭގެ ގާތްގަނޑަކަށް އަށް މަސް ދުވަސް ފަހުން ފެބްރުއަރީ 21، 2021 ގައި ޕާކު ހުޅުއްވައިދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އެވެ.

މުޅި ޕާކަށް ހިތްގައިމުކަން ގެނެސްދީ، ޕާކުގެ ތެރޭގައި ހިނގާލެވޭ ގޮތަށް ޕާތުވޭތައް ހެދި އެވެ. މި ޕާތުވޭތަކާ އެކު ޕާކު ތެރޭގައި އުޅުމަށް މިހާރު ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިފަ އެވެ. ކުރިން ވިނަގަނޑު މަތީ ހިނގަން ޖެހޭ ޖެހުން މިހާރު ނުޖެހެ އެވެ. އަރާމު ޕާތުވޭތަކާ އެކު ސެންޓްރަލް ޕާކު އެކްސްޕްލޯ ކޮށްލަން ނުހަނު ފަސޭހަ އެވެ.

ހަމައެހެންމެ، ރޭގަނޑުގެ އަނދިރިކަން ފިލުވާލައި ކޮންމެ ވަގުތަކު ވެސް ޕާކުގެ ބޭނުން ހިފޭނެ ގޮތަށް ލައިޓިންގެ މަސައްކަތްތައް ކުރީ ވެސް މި މަޝްރޫއުގެ ދަށުންނެވެ. އާއިލާ އާއި ރައްޓެހިންނާ އެކު މަޖާ މާހައުލެއްގައި އަނގަ ތަޅާލައި ހަދާލުމަށް ބެންޗުތަކެއް ވެސް ވަނީ ބަހައްޓާފަ އެވެ. މީގެކުރިން، ސެންޓްރަލް ޕާކުގައި ހުންނަނީ މަދު ބެންޗުތަކެކެވެ. އެކަމަކު މި މަޝްރޫއުއާ އެކު ޕާކުގެ އެކި ސަރަހައްދުތަކުގައި ބެންޗުތައް ބަހައްޓައި ފަސޭހަކަން ވަނީ ގެނެސްދީފަ އެވެ.

އޭގެ އިތުރުން، ޕާކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ރެކްރިއޭޝަނަލް ޒޯނާކައި އިންޓެރެކްޓިވް ޒޯނެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ. ރެކްރިއޭޝަނަލް ޒޯން އަދި އިންޓެރެކްޓިވް ޒޯންގައި ހިމެނެނީ ސްކޭޓިން އޭރިއާ، އައުޓްޑޯ ޖިމް، ވިއުއިންގ ޕްލެޓްފޯމް، ކުޑަކުދިން ކުޅޭ ސަރަހައްދެއް އަދި ޕާކިންގ ޒޯން އާއި ބައިސިކަލް ދުއްވުމަށް ހާއްސަ ރޫޓެކެވެ.

މިއީ ހަމަ ގައިމު ވެސް ރާއްޖޭގެ އެހެން އެއްވެސް ޕާކަކުން އެއް ސަރަހައްދަކުން ނުލިބޭ ހިދުމަތްތަކެކެވެ. އަލަށް ހިންގި މަޝްރޫއުއާ ސެންޓްރަލް ޕާކަކީ މިހާރު ހުޅުމާލޭގެ "އައިޑެންޓިޓީ" ގެ މުހިންމު ހިއްސާދާރެކެވެ. އެ ޕާކަކީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާމިޔާބު ހާރިޖީ ސިޔާސަތާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ރަމްޒެކެވެ.

Leave a Reply

Your email address will not be published. Required fields are marked *