އާންމުންނަށް އޮޅުން އަރާ ގޮތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކާކުކަން ނޭގޭ އެކައުންޓަކުން އާބަންކޯގެ އިސްވެރިންނަށް ފްލެޓް ދިން ކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ވާހަކައެއް ކަމަށާއި، އަދި ދައުރުވާ ލިސްޓަކީވެސް ސައްހަ ލިސްޓެއް ނޫން ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، މިފަދަ ދޮގު މައުލޫމާތު ފަތުރަމުން އަންނަނީ އެ ކޯޕަރޭޝަންގެ އަގު ވައްޓާލުމަށް ކަމަށާއި، އޮންލައިން ނޫސްތަކުން ހަބަރު ފަތުރާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.
އާބަންކޯއިން ބުނީ، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން ޔުނިޓް، އެ ކުންފުނީގެ މުވައްަޒަފުންނަށް ވިއްކުމަށް ހުޅުވާލުމާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހުރިހާ މުވައްޒަފުންނަށް މެމޯއެއް ނެރެފައިވާ ކަމަށެވެ.
މިގޮތުން އާބަންކޯގެ މުވައްޒިފުންނަށް ވިއްކުމަށް ހުޅޫވާލާފައިވާ ޔުނިޓްތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީކުރަމުންދާ ހަތަރު މަޝްރޫއަކުން، އެ ކޯޕަރޭޝަނަށް އެ މަޝްރޫއުތައް ހިންގުމަށް ދެވިފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ލިބިފައިވާ ޔުނިޓްތަކެއް ކަމަށް އާބަންކޯއިން ބުނެއެވެ.
މީގެއިތުރުން އެ ޔުނިޓްތައް ވަނީ މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސްޓާފް ހައުސިންގ ސްކީމްގެ ދަށުން "އެންޑް ޔޫސަރ ފައިނޭންސް މޮޑެލް" ގެ ދަށުން ވިއްކުމަށް ހުޅުވާލެވިފައިވާ ކަމަށާއި، ނަމަވެސް ޔުނިޓްތަކަށް އެދި ކުރިމަތިލި ފަރާތްތަކަށް ފުރުސަތުދީ ނިމުނުއިރު ބައެއް ޔުނިޓްތައް ވަނީ ނުވިކި ކަމަށް އާބަންކޯއިން ބުނެއެވެ.
މިއާއެކު، އާބަންކޯއިން ބުނީ، ބައެއް މުވައްޒަފުން ޔުނިޓްތައް ދޫކޮށްލާފައިވާތީ، ބައެއް މުވައްޒަފުން ޝަރުތު ހަމަނުވާތީ 34 ޔުނިޓް ވަނީ ބާކީވެފައި ކަމަށެވެ.
ހައުސިން ސްކީމް ހުލުވާލިފަހުން އެއް އަހަރު ވެފައިވުމާއެކު، އެ ސްކީމްގެ ތެރެއިން ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
މިގޮތުން އެ މުވައްަޒަފުންނަށް އައު ފުރުސަތެއް ދިނުމަށް އާބަންކޯއިން ހިންގަން ރާވާފައިވާ މަޝްރޫއުތުަކާއި، ވިޔަފާރި އުސޫލުން ދޫކޮށްފައިވާބިންތަކުގެ އަގު ހަމަކުރުމަށް ބޭނުންވާތީ، އަލުން އެ 34 ޔުނިޓް ވިއްކުމަށް އައިއުލާން ކުރުމުން މިފަހަރު އެ 34 ޔުނިޓް ގަތުމަށް ޝަރުތު ހަމަވާ 800 އަށްވުރެ ގިނަ މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށެވެ.
އާބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގޭ މަޝްރޫއުތަކާއި ވަކިން ހާއްސަކޮށް އާންމުންނާ ގުޅިފައި ހުންނަ މިފަދަ މަސައްކަތްތައް ބައްޓަން ކުރެވިފައި ވާނީ ވީހާވެސް ހާމަކަން ބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.