މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި، އެމީހުންގެ އިންސާނީ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ގޮވާލައްވައިފިއެވެ.
ރައީސް ސޯލިހު މިކަމަށް ގޮވާލައްވާފައި ވަނީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެ.
ރައީސް ސޯލިހުގެ ހިތާބުގައި މަސައްކަތްތެރިންނާއި އެމީހުންގެ ޢާއިލާތަކާއި މަސައްކަތްތެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، ވޭތުވެދިޔަ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު، މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ސަރުކާރުން، ހަމަޖެއްސަވާފައިވުމާއި މިނިމަމް ވޭޖް ކަނޑައެޅުއްވުމާއި އަދި ސާވިސް ޗާޖްގެ ފައިދާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ގެންނެވި ބަދަލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއްކަން ވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ސޯލިހގެ ޚިޠާބުގައި، ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި، އެމީހުންނަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް ފުރިހަމައަށް ލިބިދިނުމަށް ވެސް އިލްތިމާސް ކުރައްވާފައިވެއެވެ.
އެ މަނިކުފާނުގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.