ދިޔަރެސް އިން ފަތުރަނީ ދޮގު، ކަރަންޓް ބިލް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގ މައްޗަށް: ސްޓެލްކޯ

shareef-stelco


ސްޓެލްކޯއިން މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް ބުނެ ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން މިކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނިން ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށް ކަމަށާއި، މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށްކަމުގައި ކަމަށެވެ.

މިގޮތުން ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކަމަށާއި، އަދި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ކޮވިޑް-19 ގެ ޚާއްސަ ޙާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި ގޮތްވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުޞޫލަށް އިޔާދަކުރެވިފައިކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، ކޮވިޑް-19ގެ ޚާއްޞަ ޙާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް ޢަމަލުކުރި އުޞޫލަށް މިހާރުވެސް ރީޑިންގ ނަގާކަމަށް މި ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަޤީޤަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގެން އޮތްއިރު، މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރާ ކަމަށާއި، މިއަހަރުވެސް ހޫނު މޫސުމާ ގުޅިގެން، ޢާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ޚާއްސަކޮށްގެންވެސް މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެކެވެ. ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި، ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މިކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށްވެސް އެ ކުުންފުނިން އިލްތިމާސްކުރަމެވެ.

Leave a Reply

Your email address will not be published. Required fields are marked *