އަމީނީ މަގު ސެގްމަންޓް 5،6،7 ގެ މަސައްކަތް ބާރަށް ކުރިއަށް

Fs259fHacAAlApa

އަމީނީ މަގުގެ ސެގްމަންޓް 5،6،7 ގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، އަމީނީ މަގުގެ ސެގްމަންޓް 5،6،7 ގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، މި ހަފްތާގައި ވަނީ މަގުގައި އަޅަން ޖެހޭ މައި ހޮޅިތައް އެޅުމުގެ މަސައްކަތް ފަށާފައި ކަމަށާއި، އަދި ސެގްމަންޓް 5 ގައި ނުނެގި ހުރި ގައުތައް ނަގައި ސާފުކޮށް ސެގްމަންޓް 5 ގެ އިމާދުއްދީން ސްކޫލު ކައިރީ ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.

ސެގްމަންޓް 6 ގެ ސްޓޯމް ވޯޓާ ލައިންގެ މަސައްކަތްތައް ކުރިޔަށްދާއިރު، ސެގްމަންޓް 7 ގައި ސްޓޯމް ވޯޓާ ލައިން އަދި ސާވާ ޕަމްޕިން ލައިންގެ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށްވެސް އާރްޑީސީން ބުނެއެވެ. އަދި މިވަގުތު ސެގްމަންޓް 7 ގައި ފެނާއި ނަރުދަމާ ހޮޅި އެޅުން ވަނީ ނިމިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެއިތުރުން އާރްޑީސީން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވާރޭ ވެހުނު ވަގުތު އަމީނީ މަގުގެ ކުޑަކުދިންގެ ބަގީޗާގައި ބެހެއްޓިފައިވާ ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަނަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކަރަންޓް ނަރު ބުރިކޮށްލާފައިވާކަން ސަމާލު ކަމަށް އައި ކަމަށާއި، އަދި އެކަން ފާހަގަވީ އަމީނީ މަގުގައި ތާރު އަޅާފައިވާ ސަރަހައްދުން ފެންގަނޑު ނުހިނދި ގިނައިރުވެގެން އެ މައްސަލަ ބަލަމުން ދަނިކޮށް ކަމަށެވެ.

މިއާއެކު ޕަމްޕް ސްޓޭޝަނަށް އަޅާފައިވާ ކަރަންޓް ކޭބަލް ބަދަލުކޮށް ވަގުތުން ޕަމްޕް ސްޓޭޝަން އޮޕަރޭޝަނަށް ގެނެވުނު ކަމަށްވެސް އާރްޑީސީން ބުނެއެވެ.

އަމީނީ މަގުގެ ހެދުމުގެ މަޝްރޫއު 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، މަޝްރޫއުގެ ދަށުން މިހާތަނަށް ތާރު އެޅުމަށްފަހު ހުޅުވާލާފައި ވަނީ ސެގްމަންޓް 1،2،3 އެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *