ޑިފެންސް މިނިސްޓްރީ އާއި އައިކާއޯ ގުޅިގެން ކޮލިޓީ ކޮންޓްރޯލް ވޯކްޝޮޕެއް

90aefcbf-0248-4fb1-9add-e838300f2d1c

މިނިސްޓްރީ އޮފް ޑިފެންސް ގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ރީޖަނަލް އޮފީސް ކަމުގައިވާ ކޯރޕަރޭޓް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް – އޭޝިޔާ ޕެސިފިކް ގުޅިގެން " ކޮމްބައިން ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިޔަށް ގެންދަން މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށްޓަވައި ދެއްވަމުން ޤައުމީ ސަލާމަތުގެ ވިއުގައިގާ އެވިއޭޝަން ސެކިޔުރިޓީގެ މުހިއްމުކަމަށްޓަކައި، ދިވެހި ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުން ދެވޭ ސަލާމަތީ ޙިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާ ކުރުމަށް، މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި މިވިއުގައިގާ ހިމެނޭ އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ނުހަނު ބާރު އަޅުއްވާކަން ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިޔުރިޓީ އަލްފާޟިލް ހުސައިން ނަޒީފް ފާހަގަ ކުރައްވަވާ މިނިސްޓަރ އަށް އިހްލާސްތެރިކަމާއިއެކު ވަނީ ޝަކުރު އަދާކޮށްފައެވެ.

ފަސް ދުވަހުގެ މުއްދަތަށް ޖުމްލަ 20 ބައިވެރިންނާއިއެކު ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި މިނިސްޓްރީ އޮފް ޑިފެންސް ގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް، ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް އޮޕަރޭޓް ކުރާ ފަރާތްތަކުގެ އިތުރުން ތައިލެންޑް، މެލޭޝިޔާ، އަދި ސިންގަޕޫރު ގެ އޭވިއޭޝަން ސެކިޔުރިޓީ ކޮލިޓީ ކޮންޓްރޯލް އާއި ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ،

މި ޕްރޮގްރާމްގެ މަޤްސަދަކީ އެއާޕޯރޓް ތަކުގައި އެވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި ކަންކަން ތަންފީޒް ކުރެވިގެންދަނީ ޤައުމުތަކުގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް ގައި ކަނޑަ އަޅާފައިވާ މިންގަނޑު ތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ  މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރު ކުރުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ޑިފެންސް މިނިސްޓްރީން ބުނީ، މި ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ބައިވެރިން ތަމްސީލް ކުރާ ޤައުމުތަކުގައި އެވިއޭޝަން ސެކިޔުރިޓީ ކޮލިޓީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތްތަކާއި އެ ޤައުމުތަކުގެ ތަޖްރީބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކޮށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބައިވެރިންނަށް ބުނެދެވިގެންދާނެ ގޮތަށް ކަމަށާއި، އަދި މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން މި ސިނާއަތުގައި ހަރަކާތްތެރިވާ އެއަރޕޯޓް، އެއަރލައިން އަދި ހިދުމަތް ހޯދާ އާއްމު ފަރާތްތަކަށް ސަލާމަތީ ގޮތުން އިތުބާރު ހިފޭ ހިދުމަތެއް ލިބުމަށް މަގުފަހިވުމުގެ ނަތީޖާއެއްގެ ގޮތުން މި ސަރަހައްދުގެ ވައިގެ ދަތުރު ފަތުރުގެ ސިނާއަތް އިތުރު ހަލުވި މިނެއްގައި ތަރައްޤީ ވުމަށް މަގުފެހިވެގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގެ ފަންނީ ތަޖްރިބާކާރު މުދައްރިބުންނެވެ. އަދި ދިވެހި ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި އިދާރާތަކާއި އެއަރޕޯޓް އޮޕަރޭޓް ކުރާފަރާތްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަ ޙަރަދަކުން ބައިނަލް އަޤްވާމީ ފެންވަރަށް ތަމްރީން ކުރުމުގެ ފުރުސަތު ލިބުގެން ދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *