އާބަންކޯ އެޕްރެންޓިސްޝިޕަށް އެޕްލައިކުރަން ބާކީ 5 ދުވަސް!

ef51c2be-01df-435b-ac76-6f8d105acfce-q5573s0usbutbmflpzql7ctzr63rq5vnvtp5aajcxc

އައު ހުނަރުތައް ތަރައްގީކުރުމާއި، ވަކި މަސައްކަތުގެ ދާއިރާތަކުން ޚާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމޖުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީން ހޯދައިދިނުމުގެ އަމާޒުގައި، އަރބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 14 ވަނަ ދުވަހު ހަމަވާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ، ޖުމްލަ ހަ ދާއިރާއަކުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ފުރުސަތު ހުޅުވާލާފައިވާ ކަަމށާއި، ޖުމްލަ 100 ބައިވެރިންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެއީ އާންމުންގެ ތެރެއިން 82 ފަރާތާއި އަރބަންކޯގެ މުވައްޒަފުންނަށް ޚާއްސަކުރެވިފައިވާ 18 ޖާގަ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ދާއިރާތަށް:

  • ފިޝަރީޒް އެންޑް އެގްރިކަލްޗަރ
  • ސޯޝަލް ސެކްޓަރ
  • އައިސީޓީ
  • ޓްރާންސްޕޯޓް ސެކްޓަރ
  • ޓުއަރިޒަމް ސެކްޓަރ
  • ކޮންސްޓްރަކްޝަން ސެކްޓަ

މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައިވާނެކަން ފާހަގަކޮށް އާބަންކޯއިން ބުނީ އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނިގެންދާއިރު، ދަނޑުވެރިކަމާއި، ކޮމްޕިއުޓަރ ހާޑްވެއަރ، ހެވީ ވެހިކަލް އޮޕަރޭޝަންސް، އަދި ވެލްޑިންއާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ދާއިރާތަކުން ތައުލީމުގެ އިތުރަށް ވަޒީފާގެ ތަޖުރިބާވެސް ލިބިގެންދާއިރު، 6 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ޚާއްސަ އެލަވަންސެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް 6،000ރ ލިބިގެންދާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާއިރު، މީގެ ބައިވެރިންނަށް ސެޓްފިކެޓު ހާސިލްވުމާއި އެކު، ހޮވޭ ފަރާތްތަކަށް އަރބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *