ގައުމީ ތަރައްގީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކުރުމަށް ރައީސް އެދިވަޑައިގެންފި

291353_3a28f862-4_

ކުޑަކުދިންގެ ދުވަސް ފާހަގަކުރާ އިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް، ޤައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖްތަމަޢާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

މިއާއެކު ކުޑަކުދިންނަކީ ގައުމުގެ ކުރިމަގަށްޓަކައި މުޑުވައްކުރާ ނިރުތަކަކަށް ވާއިރު، އެ ކުދިން ތަރުބިއްޔަތުކުރުމުގައި، އެ ވަގުތަކު ޤައުމުގައި ހުރި އިޖްތިމާޢީ ހުރިހާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހޭކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިނުގެ ހިތާބުގައި ވަނީ ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްޤުތަކާއި، އަދި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމާއިމެދުވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުންކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް، ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރި ކުރުން ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ޚިޠާބުގައި ވަނީ، ދިވެހިރާއްޖޭގެ ކުޑަކުދިންނަށާއި، މައިން ބަފައިންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށްވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *