މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު 9.4 އިންސައްތަ އަށް މަތިވާނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވަނީ ފިނޭންސް އިން ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށް ބިނާކޮށް މި އަހަރު ނެރޭ ފުރަތަމަ ރިޕޯޓްގައި ހިމެނޭ ބައިތައް ޓުވީޓް ކުރައްވާފައެވެ.
މި ރިޕޯޓުގައިވާ ގޮތުން ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން އިގްތިސާދު ކުރިއަރާ މިންވަރު 1.8 ޕޮއިންޓް ވަނީ މަތިކޮށްފައެވެ. މިގޮތުން ކުރިން ލަފާކޮށްފައިވާ 7.6 އިންސައްތަ ވަނީ 9.4 އިންސައްތަ އަށް މަތިކޮށްފައެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރި އަރާ ދުވެލި ކުރި އަރާ މިންވަރު މަތިކުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުމަށް ބެލުމަށްފަހު ކަމަށެވެ. މިގޮތުން އޭނާ ވަނީ މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 17 އިންސައްތައަށް މަތިވެފައިވާކަންވެސް ފާހަގަކރުައްވާފައެވެ.
"ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނޮމިނަލް ޖީޑީޕީ 100 ބިލިއަން ޑޮލަރަށް އަރާނެ. މިއީ އިގްތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއެކު ކުރިޔަށް ދާން ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުގެ ނަތީޖާ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ފަތުރުވެރިކަމަށް އަންނަ ކުރިއެރުމަށް ބެލުަމަށްފަހު ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާނެ ފަތުވެރިންގެ އަދަދު ވަނީ 1.9 މިލިއަން ފަތުރުވެރިންނަށް އިތުރުކޮށްފައެވެ. މީގެކުރިން ލަފާކޮށްފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށެވެ.