ނައިބްރައީސް ފައިސަލް ބަންގްލަދޭޝްގެ ރައީސްއާ ބައްދަލުކުރައްވައިފި

292651_a9c94f91-2_

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ރިޔާސީގަނޑުވަރު ގައެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބްރައީސް ފައިސަލް ވަނީ، ބަންގްލަދޭޝްގެ އައު ރައީސްގެ މަޤާމާއި މުޙައްމަދު ޝަހާބުއްދީން ހަވާލުވެވަޑައިގެންވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަޙްނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއާއެކު ސިޔާސީ ގުޅުން ޤާއިމްކުރައްވާފައި ވަނީ، 22 ސެޕްޓެމްބަރު 1978 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *