ޔޫއޭއީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓްއާ ރައީސް ބައްދަލުކުރައްވައިފި

293419_aaa8b688-c_

ޔުނައިޓެޑް އެރެބް އެމިރެޓްސްގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތް މުޙައްމަދު ސައީދު ހަރެބް އަލްމެހްރި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޔޫ.އޭ.އީގެ މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ، އެ ގައުމުގެ އިސް ވެރިންނަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޙުވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ސަޤާފަތާއި، ދެެޤައުމުން ޤަބޫލުކުރާ ކަންތައްތަކުގެ މައްޗަށެވެ.

ޔޫ.އޭ.އީގެ މިނިސްޓަރ ގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މައްސަކަތްތައް ފާހަގަކުރައްވާ ތަޢުރީފްކުރައްވާފައެވެ. މިގޮތުން ރާއްޖެއިން 2030 ވަނަ އަހަރާ ހަމަޔަށް ދާން ވާއިރަށް ނެޓް ޒީރޯ އަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ދެ ބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރު ނޮވެންބަރު މަހުގެ 30 އިން ޑިސެންބަރު 12 އަށް ޑުބާއީގައި ކުރިޔަށްގެން ދިޔުމަށް ހަމަޖެހިފައިވާ ކޮޕް 28 ވަނަ ބައްދަލުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރައީސް ސޯލިހު ވަނީ މިފަހަރުގެ ބައްދަލުވުމުގައި ޕެރިސް އެގްރީމަންޓްގެ ނަތީޖާ ނިކުންނަ ގޮތް ބެލުމަށްޓަކައި ގްލޯބަލް ސްޓޯކްޓޭކް ގެ މަސައްކަތްކުރިޔަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކޮޕް 28 އަށް ޔޫއޭއީގެ ރިޔާސަތަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން، ކޮޕް 27 ގައި އިޢުލާނުކުރެވުނު 'ލޮސް އެންޑް ޑެމޭޖް ފަންޑް' ކުރިޔަށްގެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.

ޔޫއޭއީގެ މިނިސްޓަރ ގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ، މި ފަންޑް ދޫކުރުމުގައި އެންމެ ބޭނުން ޖެހިފައިވާ މައްސަލަތަކަށް އިސްކަންދެއްވާނެކަމަށެވެ.އަދި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވެ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޔޫ.އޭ.އީ އިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރާއްޖެއާއި ޔޫއޭއީ އާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 15 މާރިޗު 1978 ވަނަ އަހަރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *