ހުޅުމާލޭގައި ވޯޓަރ ސްޕޯޓްސްގެ ހިދުމަތް ދޭ ބިމުގެ ޖާގަ އިތުރުކޮށްދީފި

28bb0a1d-6447-434d-8d29-6eab916e4d61

ހުޅުމާލޭގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އާބަންކޯއިން އިތުރުކޮށްދީފިއެވެ.

އާބަންކޯއިން ބުނީ، ހުޅުމާލޭގެ 12 ސަރަހައްދެއްގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް ހުއްދަ ދީފައިވާއިރު، މިހާރު ވާނީ ވޯޓަރ ސްޕޯޓްސް ޚިދުމަތަށް ދޫކޮށްފައިވާ ކޮންމެ ސަރަހައްދަކުން 20 ފޫޓު އިތުރުކޮށްދީފައި ކަމަށެވެ،

މި ޖާގަ އިތުރުކޮށްދީފައިވާނީ އެ ސަރަހައްދުތަކުން އާންމުންނަށްދޭ ޚިދުމަތްތައް އިތުރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް ފާހަގަކޮށް އާބަންކޯއިން ބުނީ، އޭގެ ތެރޭގައި ބީޗަށްދާ ހުރިހާ އާންމު ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ޕަބްލިކް ޓޮއިލެޓަކާއި، އައުޓްޑޯރ ޝަވަރެއް ގާއިމްކުރަން ޖެހޭ ކަމަށާއި، އަދި އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.

މީގެއިތުރުން އާބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށާއި، މި މަގްސަދުގައި މީގެ ކުރިން މި ކުންފުނިން ވާނީ ވޯޓަރސްޕޯޓްސް ހިންގާ ފަރާތްތަކަށް ޓޭކްއަވޭ ޚިދުމަތްދިނުމުގެ ހުއްދަވެސް ދީފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އޭގެ ސަބަބުން ބީޗަށް ދާ ފަރާތްތަކަށް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގު ވާނީ ފަހިވެފައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *