ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޮންޓެއިނަރ ޕާކުން ދެ ކޮމާޝަލް ސްޕޭސް ދޫކުރުމަށް އަރބަންކޯގެ އިން ހުޅުވާލައިފިއެވެ.
އާބަންކޯއިން ބުނީ، ކޮންޓެއިނަރ ޕާކުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނުގެ ގްރައުންޑް ފްލޯގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ކަމަށައި، މި ތަންތަން ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1188 އަކަފޫޓުގެ ކޮންޓެއިނާ ކަމަށައި، އަދި ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނާ ކަމަށް އާބަންކޯއިން ބުނެއެވެ.
މީގެއިތުރުން އާބަންކޯއިން ބުނީ، މި ދެތަން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ 5 އަހަރުގެ މުއްދަކަށް ކަމަށައި، މިގޮތުން ފުރަތަމަ އަހަރު 2 އެތަނުގެ ކުލީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކޮންމެ އަކަފޫޓަކަށް 15ރ ގެ ރޭޓުން ކަމަށެވެ. އަދި ބާކީ 4 އަހަރު އަކަފޫޓަކަށް 25ރ ގެ ރޭޓުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ ދައްކަން ޖެހޭއިރު، ޕްރޮޕޯސަލް އޯޕަނިންގ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 13:00ން 14:00 އަށް އަރބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި ކަމަށް އާބަންކޯއިން ބުނެއެވެ.
ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ 5 ތަނެއް ހިންގުމަށް މި ކުންފުނިން ވަނީ ނިންމާފައެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް 2 ކޯ ވޯކިންގ ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.