ޒަމާނީ ކޮންޓެއިނަރ ޕާކުގައި ކޯ-ވަރކިންގ ސްޕޭސްއެއް ހަދަނީ

5f890787-7493-4274-a83a-beac70e3e448

އާބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނަރ ޕާކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެތަނުން ލިބޭ ޚިދުމަތްތައް އިތުރުކުރުމުގެ ގޮތުން އެތަނުގައި ކޯ-ވަރކިންގ ސްޕޭސް އެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާބަންކޯއިން ބުނީ، އެ ކުންފުންޏާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ހުޅުމާލޭގައި ކޯ-ވޯކިން ސްޕޭސްއެއް ހަދައި ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އަލަށް ފަށައި ގަންނަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ތަރައްގީކުރާ މި ކޯ ވަރކިން ސްޕޭސްގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފު ސޮއިކުރެއްވިއިރު، އިކޮނިމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ނީޒާ އިމާދެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒްލީނާ ފާކިރެވެ.

ރެޑްވޭވް މެގަމޯލް ފަހަތުގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނަރ ޕާކަކީ ރާއްޖެގައި ތަރައްގީކުރާ ފުރަތަމަ ކޮންޓެއިނަރ ޕާކެވެ. އެތަނުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، އެތަނުގައި ހަދާ ކޯ ވަރކިންގ ސްޕޭސްއަކީ ރާއްޖޭގައި ހުޅުވާ މިފަދަ ދެވަނަ ތަނެވެ. ކޯ-ވަރކިންގް ސްޕޭސެއްގެ އިތުރަށް މި ކޮންޓެއިނަރ ޕާކުގައި އިތުރަށް ދެ ކެފޭ ވެސް ހިންގުމަށް އާބަންކޯއިން ވަނީ ނިންމާފައެވެ.

ފަށައިގަންނަ ވިޔަފާރިތަކަކީ ވަކި އޮފީސް ސްޕޭސްއެއް ހިންގުމުގެ ބުރަތައް އުފުލަން އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާނެ ވިޔަފާރިތަކަށް ވާއިރު، އެފަދަ ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުން ކަމަށްވާއިރު، ހުޅުމާލޭގައި ތަރައްގީކުރާ ކޮންޓެއިނަރ ޕާކުގައި މިފަދަ ތަނެއް ހެދުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ޒުވާނުންގެ ކުރިއެރުމަށްވެސް މަގުފަހިކުރުން ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *