ޖަލުތަކަށް 230 ޖާގަ އިތުރުކުރެވިއްޖެ، އަދިވެސް ޖާގަ އިތުރުކުރާނެ: އިމްރާން

Fwg-DtdagAAW0_9

ޖަލުތަކުގެ އުމްރާނީ ހާލަތްތައް ރަނގަޅު ކުރުމުގެ ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި 230 ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް ޖާގަތައް އިތުރުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޖަލުތަކުގެ އުމްރާނީ ހާލަތްތައް އަދިވެސް ރަނގަޅުކުރަންޖެހޭ މިންވަރު ބޮޑުވެ ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި، އިތުރު 180 ވަރަކަށް ޖާގަ ކުރިއަށްއޮތް ދެތިން މަސް ތެރޭ ތައްޔާރުވުމުން ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެންދާނެ ކަމަށެވެ.

ރިހެބިލިޓޭޝަނަށް އިސްކަންދޭ މިންވަރާއި އެކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ފާހަގަކުރެއްވީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށާއި، އަދި ޖަލަށް ގެންނަ މީހުން ބަންދުކޮށްފައި ބެހެއްޓުމުގެ އިތުރުން، ޒިންމާއަކަށް ވާންޖެހޭނީ ލިބުނު ތަމްރީނުގެ ޢަލީގައި އެމީހުންނާއެކު ރަނގަޅަށް މުޢާމަލާތްކޮށް، އެމީހުން އިސްލާހުކޮށް އަނބުރާ ޖަލަށް ނާންނާނޭ ފަދަ ރަނގަޅު އަފުރާދެއްގެ ގޮތުގައި މުޖްތަމަޢަށް ނެރުންކަމުއި މިނިސްޓަރ ވިދާޅުވިއެވެ.

ދަސްވެނިންނާ މުޙާތަބްކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، އޮފިސަރުން ހާޞިލްކުރި ތަމްރީނަކާއި ލަނޑުދަނޑިތަކެއް ކަމަށާއި އެގޮތުގެ މަތިން މުޅި ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ވަކި މުވައްސަސާތަކެއް ކަނޑައަޅާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ އޭގެ ތެރެއިން މުހިއްމު އެއް މުވައްސަސާކަމަށާއި އެ ބޮޑު ޒިންމާ އަދާކުރުމުގައި މި ސަރވިސްގެ އޮފިސަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމުގައި އަދި ތަމްރީންފުރިހަމަކޮށް ދަސްވެނިން ހަވާލުވަނީ ޤައުމީ ބޮޑު ޒިންމާއަކަށް ކަމަށެވެ.

މިގޮތުން އެކަމުގައި ސާބިތުވެ ތިބުމަކީ ދަސްވެނިންކިބައިން މިނިސްޓަރ އެންމެ ބޮޑަށް އެދިލައްވާ ކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ 50 އަހަރު އެކި ނަންނަމުގައި ޖަލު ބެލެހެއްޓުމުގެ ޚިތްމަތް އޮތްނަމަވެސް، ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖަލުގެ އާބާދީއާ އެކަށޭނެ އޮފިސަރުންގެ އަދަދުގެ 30 %، ގާތްގަނޑަކަށް 300 އޮފިސަރުން ރެކްރޫޓްކޮށް، ތަމްރީންދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *