3 ގައުމެއްގެ އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުއްވައިފި

294368_a28f32ff-4_

ޗެކް ރިޕަބްލިކް އާއި ހަންގޭރީ އަދި މެލޭޝިއާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗެކްރިޕަބްލިކް އާ ސަފީރު މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، މިއަހަރަކީ، ޗެކް ރިޕަބްލިކްއާ ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ޗެކްރިޕަބްލިކްގެ އާ ސަފީރުއެކު ބޭއްވި މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ފޮރިން އިންވެސްޓްމެންޓްތަކަށް އެކި ދާއިރާތަކުން ފުރުޞަތުތައް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި، ޗެކްރިޕަބްލިކްގެ އިންވެސްޓަރުންނަށްވެސް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތު އޮތް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާ އަދި ތިމާވެއްޓާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޗެކްރިޕަބްލިކްގެ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.

ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އިސްޓްވާން ސްޒާބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުއްވާފައެވެ.

ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ހަންގޭރީގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ޙަފްތާގައި ރާއްޖެއާއި ހަންގޭރީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 48 އަހަރު ފުރޭކަން ފާާހަގަކުރައްވައި، ޚާއްޞަކޮށް ފާއިތުވި ދެއަހަރު ދެޤައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ހަންގޭރީގެ ސަފީރު ވަނީ، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާާޅުވެފައެވެ.

މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުއްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މެލޭޝިޔާގެ އާ ސަފީރު މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޙްނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ދިވެހިރާއްޖެއާ މެލޭޝިޔާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ މެދުގައި އިޤުތިޞާދީ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުން ސޮއެކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދެޤައުމު މެދުގައި ނިމިފައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިދާރީހިންގުމުގައި ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް، މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެލޭޝިޔާއިން ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމަށް ރާއްޖެއިން މަރުޙަބާކިޔުމުގެ ޝައުޤުވެރިކަން އޮތްކަމަށާއި، ދެޤައުމުގެ ދެމެދުގައި ކުރެވޭ ފްލައިޓް ދަތުރުތައް އިތުރުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިޔަށް އޮތްތަނުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *