ފްލެޓްތަކާ ގުޅޭ ކުއްލި މައްސަލަ ބޭރުކުރި ސަބަބު ރޮޒޭ ސާފުކޮށްދެއްވައިފި

large_1621425753226hVZ

ފްލެޓް ލިބޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން އަތުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ފޯރުނުކޮށްދޭތީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށް ތިމަރަފުށީ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކުރަން ޖެހުނު ސަބަބު އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ސާފުކޮށްދެއްވައިފިއެވެ.

މެމްބަރ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލެޓްތަކުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށައި، އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތަށް މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދާނަމަ މަޖިލިސް ފްލޯގައި ދާނީ ބޭކާރު ވަގުތު ކަމަށެވެ.

މިއާއެކު ކުއްލި މައްސަލައެއްގެ ގޮތަށް މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދާނަމަ، އެންމެ ފަހުން އެ މައްސަލަ ފޮނުވަން ޖެހޭނީވެސް ކޮމިޓީއަށްކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން މި މައްސަލައިގައި އެމްޑީޕީން އަމަލުކޮށްފައި ވަނީ އެންމެ އަވަހަށް މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތަށް ކަމަށެވެ.

މީގެއިތުރުން މަޖިލީހުގައި މިހާރު ފެންނަނީ ބިލްތައް ފަހަތަށް ޖައްސާލުމަށްފަހު އިދިކޮޅު ފަރާތްތައް ބޭނުންވާ ކަންކަން އެޖެންޑާގެ ކުރީގައި އޮންނަތަން ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ތަރައްގީކުރާ ބައެއް ފްލެޓްތައް އޮޅުވާލައިގެން މީހުންނަށް ވިއްކާފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުލުހުންދަނީ އެއްކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *