ފްލެޓްތައް މަރާމާތުކުރުމުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމިއްޖެ

hulhumale-flat

ހުޅުމާލޭގެ 1.000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫޢުގެ ދަށުން ތަރައްގީ ކުރެވިފައިވާ ފުލެޓު ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އައުކުރުމެގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމިފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ، މިދިއަ އަހަރުގެ އޮކްޓޫބަރު މަހުންފެށިގެން ކުރިޔަށް ގެންދާ މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ވަނީ ކުލަލެވިފައި ކަމަށާއި، ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންދެވިފައި ކަމަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރެވެމުންދިއަ މި މަސައްކަތްތައް ނިންމާލައި، ބާކީ ހުރި ފުލެޓްތަކުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު، ފުރަތަމަ ފޭސްގައި ޖުމްލަ 30 އިމާރާތެއް (504 ޔުނިޓް) ގެ ބޭރު ފާރުގެ މަރާމާތާއި ކޮމަން އޭރިއާގެ މަސައްކަތްތައް ވަނީ ކުރެވިފައި ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެއިތުރުން މިހާރު ބާކީ ހުރި ފުލެޓް ތަކުގެ ތެރެއިން، 113 އިން 138 ވަނަ ފުލެޓާއި ހަމައަށް މި މަސައްކަތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށާއި، ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އާބަންކޯއިން ބުނީ، އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، ޢިމާރާތުގެ ޢާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ ނުވަތަ ނެގުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ގިނަ ހައުސިންގ މަޝްރޫޢުތަކެއް ބަލަހައްޓާއި މަރާމާތުގެ މަސައްކަތް މި ކޯޕަރެޝަންގެ ފަރާތުން ކުރެވެމުން ދާއިރު، މި މަސައްކަތްތަކަކީ ތާވަލު ކުރެވިގެން ޤަވައިދުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މިގޮތަށް މި މަސައްކަތްތައް ކުރުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިން ކަމަށް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *