ނައިބްރައީސް ފައިސަލް ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައިފި

294397_530972b1-5_

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ މިސަރުކާރުން އެރަށުގައިވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ނިމިފައިވާ ކަމަށާ އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ކުރިޔަށްގެންދާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތްވެސް މުޅިން ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ނޮޅިވަރަށް ފަރަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، މަގުހެދުމާއި ނެރު ފުންކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ސްކޫލުގެ ޖާގައިތުރުކުރުމާއި، ޞިއްޚީ ޚިދުމަތާއި، ކުޅިވަރުކުޅުމުގެ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ނޮޅިވަރަންފަރަކީ، 3 ރަށަކުން މީހުން ހިޖުރަކޮށްފައިވާ ރަށަކަށް ވުމާއިއެކު ކައުންސިލް އިދާރާގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 40 ވުރެ ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި މުސާރައިގެ އޮނިގަނޑުގައި މިހާރުހުރި މައްސަލަތައްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫއާގުޅޭ ގޮތުން މިހާރު ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ކައުންސިލާއި ޙިއްސާކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަވަހަށް ހައްލެއް ބޭނުންވާ ކަންކަމާއި އެނޫން ކަންތައްތަކާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *