އާރްޓީއެލް ފެރީގެ ނިޒާމު އަންނަ ޖުލައި މަހު ހުވަދު އަތޮޅުގައި ފެށޭނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެ ކަމަށެވެ.
އާރްޓީއެލްގެ ހިދުމަތް ޖުލައި މަހު ހުވަދޫގައި ފުރަތަމަ ފަށާނީ 6 އުޅަނދާއެކުކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، ޖުލައި މަސް ނިމުމަށްފަހު ހިދުމަތް ދެމުން ގެންދާނީ 8 އުޅަނދާއެކުގައި ކަމަށެެވެ.
ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮންނަ އިރު، އެ އަތޮޅުގައި އާރްޓީއެލް ހިދުމަތް ދިނުމަށް ނިންމާފައިވަނީ، މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ.