ދަރަނބޫދޫ ކައުންސިލް: މި ދައުރުގައި ރަށަށް ގިނަ ކުރިއެރުން ވަނީ ލިބިފައި

FxIhk58aAAE4Xr9

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ދަރަނބޫދޫ ކައުންސިލް އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރިކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މިސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަ ކުރައްވާފައެވެ، އޭގެ އިތުރުން ރައްޔިތުން ބޭނުންވާކަންކަން ރައީސް ސޯލިހުގެ އަރިހުގައި ކައުންސިލުން ދެންނެވިއެވެ. އެކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތް ކުރުމާއި، ރަށުގައި ރަނގަޅުފެންވަރުގެ ދަނޑެއް ޓްރެކަކާއި އެކު އެޅުމާއި، އިޖުތިމާޢީ މަރުކަޒެއް ޤާއިމްކުރުން ހިމެނެވެ.

މިހާރު ސަރުކާރުން ދަރަނބޫދޫގައި ޔޫތުއެންޑް ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ޢިޢުލާނު ކޮށްފައިވާަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި އޮތް އުސޫލުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާއި، ދަރަނބޫދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއްގެ މުހިއްމު ކަމާއި، ސިއްޙީމަރުކަޒުގައި ނަރުހުން މަސައްކަތްކުރުމަށް އެކަށީގެންވާ ޖާގަ ބޭނުންވާ ކަމަށެވެ.

މިބައްދަލުވުމުގައި، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ، އެކޮމިޓީން މިދައުރުގެ ތެރޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އޮތް ބަޖެޓުގެ ދަތިކަންވެސް ކޮމިޓީގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި މިހާރު އޮތް އުސޫލަށް ބަަދަލުގެންނަންޖެހިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ދެންވަޑައިގެންނަވާނީ، ފ. މަގޫދޫއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *