ބިލެއްދޫގައި ހިންގާ މަޝްރޫއުތައް ނިމުމުން ރަށަށް އިންވެސްޓްތައް ކުރުމަށް މަގުފަހިވާނެ: ރައީސް

295889_96af2557-9_

ސަރުކާރުން މިހާރު ބިލެތްދޫގައި ހިންގާ މަޝްރޫޢުތައް ނިމިގެންދާއިރު ބިލެތްދޫގައި ރައްޔިތުންނަށް އިތުރު އިންވެސްޓްތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބިލެތްދޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމި ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް ފުރިހަމަވެގެންދާއިރު، ރަށުގައި ތިބެ މަސައްކަތްކޮށް އިތުރު އިންވެސްޓްތައް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް، އެކަންކަމުގެ ސަބަބުން އެކި ފުރުޞަތުތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ބިލެތްދޫ އާއި ދާދިގާތުގައި މަގޫދޫގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އެއަރޕޯޓުގެ ފައިދާ މުޅި އަތޮޅަށް ލިބިގެންދާނެ ކަމަށެވެ. އަދި ފ. އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެކަން ފާހަގަކުރައްވައި، އެކަމާއި ދޭތެރޭގައި ރައްޔިތުން ވިސްނާ އެކަމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުން އެފަދަ މަޝްރޫޢުތަކަށް އަމާޒުކޮށްގެން ލުއިލޯނުތަކެއް ދެއްވަމުންދާކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އަދި އެއަރޕޯޓެއް އެއަރޕޯޓެއްގެ ގޮތުގައި ހިންގޭނީ އެއާ ގުޅިފައި ހުރި އެހެން ކަންތައްތަވެސް ކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ބިލެތްދޫ ކަރަންޓްގެ ޙާލަތުގެ ތާރީޙަށާއި، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މުޅި ރާއްޖޭގައި ފެނަކައިން މިހާތަނަށް، 61 އޮފީސް ޢިމާރާތާއި 48 އިންޖީނުގެ ޢިމާރާތްކޮށްފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ، ސަރުކާރުން ބިލެތްދޫގައި ހިންގަމުންދާ މަޝްރޫޢުތަކާއި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތައް ވެސް ހާމަކުރައްވާފައެވެ. އެގޮތުން ބިލެތްދޫގެ ބަނދަރުހެދުމުގެ މަޝްރޫޢާއެކު ބިންހިއްކުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެކަމަށާއި، ސެލްފް ސަރވިސް އޭޓީއެމް ބަހައްޓާ 10 ރަށުގެ ތެރޭގައި ބިލެތްދޫ ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ބިލެތްދޫގެ ރައްޔިތުން ތަޙައްމަލު ކުރަންޖެހުނު ކަންކަމާއި ކޯވިޑްގެ ދަތި ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި މަސައްކަތާއި އަވަށްޓެރި ޤައުމުތަކުގެ ތަޖުރިބާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައި ލެއްވިއެވެ.

ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ އޮފީސް ޢިމާރާތް ބައްލަވާލައްވާފައެވެ. ބިލެތްދޫގައި ކުރިން ހުރި 24 އަހަރުވީ އިންޖީނުގެ ހުރީ ރަށުގެ ސްކޫލު ކައިރީގައި ނަމަވެސް އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައިވަނީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ތަނެކެވެ. އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ މިހާރުވަނީ ތަނަވަސް ކުރެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *