ރައީސްގެ ދެކަނބަލުން ފ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

295957_914622dc-f_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.

ފ.އަތޮޅަށް ރައީސްގެ ދެކަނބަލުން ކުރެއްވި މިދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ޢާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވިއެވެ. އަދި ރަށުކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާ އަދި ރައްޔިތުންނަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

މިދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމާއި މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމާއި އެރަށުގައި އަލަށް ޢިމާރާތްކުރި ފެނަކަ އޮފީސް ޢިމާރާތް ވެސް އެމަނިކުފާނު ވަނީ ހުޅުވާދެއްވާފައެވެ. .

މީގެއިތުރުން ބިލެތްދޫގެ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ހުޅުވައިދެއްވާފައެވެ. އަދި ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތާއި، އައިސްޕްލާންޓް ހުޅުއްވައިދެއްވުމުގެ އިތުރުން ރައީސް ސޯލިހު ވަނީ ރަށްރަށުގެ ތަރައްގީއަށް ކުރިޔަށްދާ ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި ބައެއް މުއައްސަސާތަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން، ފ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *