ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ އެކަންކަމާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި އާބަންކޯއިން މަންސަ ސެޝަނެއް ބޭއްވުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށް އާބަންކޯއިން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ.
އާބަންކޯއިން ބުނީ، 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ސެޝަންތަކުގެ ތެރެއިން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަން އޮންނާނީ މި މަހުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 4 އިން އިރު އޮއްސި 6 އާ ހަމައަށް ހިޔާ ޕާކު ސަރަހައްދުގައި ކަމަށެވެ.
މި ފަހަރުގެ ސެޝަންގައިވެސް އާންމުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައި ކަމަށާއި، އެގޮތުން މިފަހަރުގެ މަންސަ ސެޝަންގައި އެމްއެންޑީއެފް އަދި އެލައިޑް އިންޝުއަރެންސް އިން ބައިވެރިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
މައުލޫމާތު ސެޝަންތަކުގެ އިތުރަށް ޕްރެކްޓިކަލް ޓްރެއިނިންތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފްގެ ފަރާތުން ފަޔަރ އެކްސަސައިޒް ކުރިއަށްގެންދާނެ ކަމަށައި، އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން އަލިފާނުގެ ހާދިސާތަކަށް ފަހު އިންޝުއަރެންސް އިން ލިބޭނެ އެހީތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.
މީގެ އިތުރަށް އާބަންކޯއިން ބުނީ، މި ސެޝަން ބާއްވާ ސަރަހައްދުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އެކި ކަހަލަ ހަރަކާތްތައް ވެސް އިންތިޒާމުކޮށްފައިވާނެ ކަމަށާއި، ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންއަކީ މިއަހަރު ބާއްވަ ފުރަތަމަ މަންސަ ސެޝަން ކަމަށެވެ.
މި އަހަރުގެ މިހާތަނަށް އައި އިރު އެކަނި ވެސް ހިޔާ ސަރަހައްދުގައި ގިނަ އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، މި ކުންފުނިން މަސައްކަތްކުރަމުން މި އަންނަނީ މިފަދަ ހާދިސާތަކުގެ ހިރާސްކުޑަކޮށް މިކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށެވެ. މިފަހަރުގެ މަންސަ ސެޝަން ހިޔާ ސަރަހައްދުގައި ބޭއްވި ނަމަވެސް މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
މަންސަ އަކީ އަރބަންކޯގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމުގައިވާ ހޭޑިފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ތައާރަފްކޮށްފައިވާ ޓޯކް ޝޯ ސީރީސްއެކެވެ. މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި މިކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. އަދި އެހެން ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނާއިއެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރެވުނު މަންސަ މަޝްރޫޢުގެ ބައެކެވެ.