ރައީސް ސޯލިހުއަށް އައްޑޫއިން ހޫނު މަރުހަބާއެއް

83c2a81e-b00c-4af7-aa4e-4107678239ac

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ސޯލިހު މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގޭ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވައި، އަދި މިހާރު ކުރިޔަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ބައްލަވައި ލައްވާނެއެވެ.

މިގޮތުން، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ބޮޑެތި އެހެން މަޝްރޫޢުތަކުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އެމަނިކުފާނު ބައްލަވައި ލައްވައި، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރައްވާ މި  ދަތުރުފުޅުގައި، އައްޑޫ ސިޓީކައުންސިލާއި، އ.ތ.މ ކޮމިޓީއާއި ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި ހަބަކަށް ބަދަލުވެ، އޭގެ އެތަކެއް ފައިދާތަކާއި މަންފާއެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *