ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިފި

FxsEioBaMAACb5N

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ.

ރައީސް ސޯލިހު މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގޭ ބައެއް މަޝްރޫޢުތައް ފަށްޓަވައި ދެއްވައި، އަދި މިހާރު ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވައި ލައްވާނެއެވެ.

މިގޮތުން، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ބޮޑެތި އެހެން މަޝްރޫޢުތަކުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އެމަނިކުފާނު ބައްލަވައި ލައްވައި، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރައްވާ މި  ދަތުރުފުޅުގައި، އައްޑޫ ސިޓީކައުންސިލާއި، އ.ތ.މ ކޮމިޓީއާއި ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި ހަބަކަށް ބަދަލުވެ، އޭގެ އެތަކެއް ފައިދާތަކާއި މަންފާއެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *