މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް އަންނަ އަހަރު ހައްލުވާނެ – ރައީސް ސޯލިހު

ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި ރައީސް ސޯލިހު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިން ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއްސަވައި ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްޤީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ.

މިގޮތުން ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެމަސައްކަތްކުރެވިފައި ނެތްކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމާއި، މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި، ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ މުހިއްމު ސަރަހައްދެއް ކަމަށާއި، އަދި ހުވަދު އަތޮޅަކީ ވަކި މޫސުމެއް ނެތި އަބަދުވެސް މަސްބާނާ ސަރަހައްދެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ފިޝަރީޒް މިނިސްޓްރީއާ ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން، މަސްވެރިންގެ ފޯރަމަކާއި، ސްކޫލުކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމަކާއި، ފަރުމަސްވެރިކަމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން ފިޝަރީޒް އެކްސްޕޯއެއް ކުރިޔަށް ގެންދިޔުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *