ހަންކެޑެ ޕްރޮޖެކްޓް 2 އަހަރު ތެރޭ ނިންމާލެވޭނެ – ރައީސް

Fxs1swVacAAoL9E

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއު، ހަންކެޑެ މަޝްރޫއު ކުރިއަށް އޮތް 2 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސް ޞާލިހު ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އެގޮތުން ރައީސް ފާހަގަ ކުރެއްވި ގޮތުގައި، މިއަދަކީ ތަރައްގީގެ ހެޔޮ ފާހަގަ ޖެހޭ އައްޑޫ ސިޓީއަށް ތަރައްގީގެ ހެޔޮ ބަދަލުވެސް އަންނަ ދުވަހެވެ.

މިއަދު ފެށިގެންދާ އައްޑޫ ސިޓީ ބިން އިތުރުކުރުމުގެ މަޝްރޫޢުއަކީ 150 ބިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 194 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެއެވެ.އެއީ ހިތަދޫއިން 50 ހެކްޓަރާއި، ހުޅުމީދޫއަށް 42 ހެކްޓެރާއި މަރަދޫފޭދޫއަށް 76 ހެކްޓަރެވެ. މީގެިތުރުން ރިސޯޓް ހަދަން 8.3 ހެކްޓަރު އަދި ލިންކްރޯޑް ހަދަން 3.3 ހެކްޓަރު ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުގައި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަންކެޑެ ޕްރޮޖެކްޓަކީ ރާއްޖޭގައި ހިންގޭނޭ ޓޫރިޒަމްގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

މިއަދުގެ ޖަލްސާގައި އިތުރަށް ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފަހަނައަޅައި ދިޔައިރު، ރައްޔިތުންނަށް ނަފާވާނޭ ގޮތަށް މިހަރު ބަދަލުވަމުން އަންނަ ކަމަށާއި އެގޮތުން ހަންކެޑެ އަކީ ސީދާ ރައްޔިތުންނަށް ހިއްސާވެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫއުއެއް ކަމަށެވެ. މޯލްޑިވްސް ފަންޑް މެނޭޖްމެންޓްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ނިމިގެންދާއިރު އެ ސަރަހައްދުގައި ޖުމްލަ 7،000 އެނދު އޮޕަރޭޓް ކުރެވޭނެއެވެ. މަގު ހެދުމާއި ބިން އިތުރުކުރުމުގެ މަޝްރޫއުތައް ވެސް ޑިޒައިންކޮށް ކުރިއަށް ގެންދަނީ ހަންކެޑެ އާ އިންޓަގްރޭޓް ކުރެވޭނެ ގޮތަށެވެ.

މީގެއިތުރުންވެސް، ރައީސް ވަނީ އައްޑޫގެ އެކި ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގައި ގެސްޓްހައުސް އެޅުމަށްވެސް ސަރުކާރުން އެހީވެދޭނެކަން އިއުލާންކުރައްވާފައެވެ. އެގޮތުން އެ ފަދަ 73 ބިމެއް އެބަހުރި ކަމަށާއި އޭގެތެރެއިން 44 ފަރާތަކުން މިހާރުވެސް ފައިނޭންސިންގ އަށް އެދިފައިވާކަމަށެވެ. އެއީ އައްޑުއަށް އިތުރުވެގެންދާނޭ 2،700 އަށްވުރެ ގިނަ އެނދެވެ.

ރައީސް ޞާލިހު އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި މާދަމާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވަޑައިގަންނަވާނެއެވެ. އަދި، އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ބޮޑެތި އެހެން މަޝްރޫޢުތަކުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އެމަނިކުފާނު ބައްލަވައި ލައްވާނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

އައްޑޫ ސިޓީކައުންސިލާއި، އ.ތ.މ ކޮމިޓީއާއި ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *