2018 އާ އަޅައިބަލައި، 2028 ނިމޭއިރު އިގްތިސާދު ދެގުނަވާނެ – ރައީސް

Fxs1swMakAE0c4h

މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ އިގްތިސާދު ހުރިވަރާ އަޅައިބަލާއިރު، ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު ދެގުނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 81 ބިލިއަން ރުފިޔާގައި ކަމަށެވެ.

އެހެންނަމަވެސް، ރާއްޖޭގައި ކުރިއަށް މި ގެންދެވޭ ތަރައްގީގެ މަޝްރޫއުތަކާއިއެކު އަމާޒަކީ 2028 ނިމޭއިރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަނަށް އިތުރުކުރުން ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު ކުރެވެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭ އެކު ތަރައްގީނުވެ ދިވެހިން ބޭނުންވާ ހަމަޖެހޭ ޖަޒީރާ ދިރިއުޅުން ނުލިބޭނެކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، އައްޑޫގެ ތަރައްގީއަކީ އެކަމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިއަދު ފެށިގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުއާއި، އެތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ހަންކެޑެ މަޝްރޫއުގެ ނަފާ ބޮޑުވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މާދަމާ ގަން އެއާޕޯޓްގެ ބޮޑު މަޝްރޫއުވެސް ފެށިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ރައީސް ވިދާޅުވީ، ރާއްޖެ އެކު ތަރައްގީކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ސަރަހައްދީ ބަނދަރުތައްވެސް ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން އައްޑޫ ސީޓީ ކަނޑުގެ ބަނދަރު ނިމިގެންދާއިރު، ދެކުނުގައި ދިރިއުޅޭ 40،000 ރައްޔިތުންނަށް ފައިދާވެ، މާލެއަށް ލުއިވެގެންދާނެކަމަށެވެ. އަދި ސީދާ އައްޑުއަށް ދަތުރުކުރާ ސަރަހައްދީ ބޯޓެއް ޖުލައި މަހު އެމް.އެސް.އެސް އިން ގެންނާނެކަންވެސް ރައީށް ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް ޞާލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި  ދަތުރުފުޅުގައި މާދަމާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވަޑައިގަންނަވާނެއެވެ. އަދި، އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ބޮޑެތި އެހެން މަޝްރޫޢުތަކުގެ ތެރެއިން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް އެމަނިކުފާނު ބައްލަވައި ލައްވާނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

އައްޑޫ ސިޓީކައުންސިލާއި، އ.ތ.މ ކޮމިޓީއާއި ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *