ރ.އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އަޅާނީ ބެރިޔަންފަރުގައި: ރައީސް

Fxxxe-bagAAFM27

ދިވެހިރާއްޖެ ލާމަރުކަޒުކޮށް ވައިގެ މަގުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ރ. ބެރިޔަންފަރުގައި އެއާޕޯޓެއް އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ސ. ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވައިގެ މަގުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ބާރަށް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން، ރ. އަތޮޅު ދެކުނުބިތުގައި އެއާޕޯޓެއް އިތުރުކުރުމުގެ ވިސްނުންގެންގުޅުއްވާ ކަމަށާއި އެކަން ކުރުމަށް ރާވާފައިވަނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށެވެ.

ވައިގެ މަގުން ރާއްޖެ ގުޅާނުލައި، ފަތުރުވެރިކަމާއި ތަރައްގީ މުޅި ރާއްޖެއަށް ނުގެނެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ރ. ބެރިޔަންފަރު ކައިރީގައި 15 ރިސޯޓާއި މީހުން ދިރިއުޅޭ 10 ރަށް އޮންނައިރު، މިއީ މި ސަރަހައްދުގެ ތަރައްގީއަށް މުހިންމު މަޝްރޫއުއެކެވެ.

އިތުރަށް މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، މިއަދު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ނަތީޖާ އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށެވެ. ކުރަމުން މިދަނީ ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ކަމަށާއި ހިފަހައްޓަން ޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް މަޝްރޫއުތައް މުޅި ރާއްޖޭގައިވެސް ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް ޞާލިހު އައްޑޫ ސިޓީއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި އިންޑިއާގެ ސްޓޭޓް މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒްވެސް އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *