މަޝްރޫއުތަކާއެކު ދެކުނަށް އާރޯކަމާއި ފާގަތިކަން ފޯރާނެ – ޝާހިދު

FxxwbWfaYAIyvcI

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އައްޑުއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިފްތިތާހުކޮށްދެއްވާ މަޝްރޫއުތަކާއެކު ދެކުނަށް އާރޯކަމާއި ފާގަތިކަން ފޯރާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ސ. ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ގަން އެއާޕޯޓް މަޝްރޫއު ނިމިގެންދާއިރު އަމާޒަކީ 1.5 މިލިއަން މީހުންނަށް އެތަނުން ހިދުމަތް ދެވޭގޮތް ވެގެންދިޔުން ކަމަށެވެ. އަދި އެއާޕޯޓުން ދެވޭ ކާގޯގެ ހިދުމަތް ފުޅާކޮށް މިހާރަށްވުރެ 5 ގުން އިތުރުވެގެން ދާނެކަމަށާއި، އޭގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް އާރޯކަމާއި ފާގަތިކަން އަންނާނެ ކަމަށެވެ.

1970 ވަނަ އަހަރު ސ. ގަން އެއާޕޯޓާއި ދިވެހިރާއްޖެއިން ހަވާލުވިފަހުން އެތަން ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ނުކުޅެދުނުކަން ފާހަގަކޮށް އެ ބޭފުޅުންނަށް ޝާހިދު ފާޑުވިދާޅުވިއެވެ. އަދި، މިއަދު އިފްތިތާހު ކުރެވިގެން މިދަނީ އެ އެއާޕޯޓްގެ ތަރައްގީއަށް އެއްފަހަރާ ކުރެވޭ އެންމެ ބޮޑު ހޭދަކަމަށާއި، މީގެ ސަބަބުން އެ ސަރަހައްދުގެ ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، މާލެއަށް ޖަމާވެފައިވާ ބާރުތައް ދޫކޮށް ރަށްތައް ތަރައްގީކުރުމަކީ ރައީސް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ. އެގޮތުން، މިއަދު އިފްތިތާހު ކުރެވުނު މަޝްރޫއުއަކީ އައްޑޫގެ ތަރައްގީއަށް ރައީސް ދެއްވާ އަހަންމިއްޔަތުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ރައީސް ޞާލިހު އައްޑޫ ސިޓީއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ރައީސް އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި އިންޑިއާގެ ސްޓޭޓް މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒްވެސް އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *