ރައީސް އައްޑޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

299751_c5287d5c-b_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީއަށް ތަރައްޤީގެ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ބޮޑެތި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވައި، އަދި ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.

މިގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫޢަކީ، އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތުގެ ފެށުން ކަމުގައެވެ.

މީގެ އިތުރުން ވެސް ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް އައްޑޫ ސިޓީ ބަދަލުކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ވެސް އެމަނިކުފާނު ވަނީ ފަށްޓަވައިދެއްވާފައެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާގޮތްވެސް އެމަނިކުފާނު ބައްލަވާ ލެއްވިއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އ.ތ.މ ކޮމިޓީއާ ވަކިވަކިން ބައްދަލު ކުރައްވައި އައްޑޫ ސިޓީގެ ތަރައްޤީއާގުޅޭ މުހިންމުކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ވިލުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް ބަދަލުވެ، އޭގެ އެތައް ގިނަ ފައިދާތަކާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *