އައްޑޫ މީދޫގައި 700 ޖާގައިގެ މިސްކިތެއް އެޅުމަށް ހަވާލުކޮށްފި

FyAK42CacAE0eES

އައްޑޫ ސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ނޫރައްދީން އިންވެސްޓްމަންޓްއާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި ނޫރުއްދީންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އަބްދުﷲ ސާލިހު އެވެ. އަދި މި ރަސްމިއްޔާތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ.

މީގެއިތުރުން މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މިއީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް ޢިމާރާތްކުރާ މިއީ ފުރަތަމަ ފަހަރު ކަމަށާއި، މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީދޫގައި އިމާރާތްކުރަން އެއްބަސްވި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށައި، މަޝްރޫއަކީ 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *