ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗަށް 53 އަހަރުގެ ޖަލު ހުކުމެއް!

img_md_201910050446491570276009.9631

ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކޯޗު މުޙައްމަދު އާސިފް އަމީން ހާންގެ މައްޗަށް ކްރިމިނަލް ކޯޓުން 53 އަހަރާއި ދެ މަހާއި ހަތް ދުވަހުގެ ބޮޑު ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.

ދެެކުނު އެފްރިކާއަށް ނިސްބަތްވާ އާސިފް ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަމުގައި ހުރެ ގިނަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 2019 ވަނަ އަހަރު ހައްޔަރުކޮށް، ދައުލަތުން ވަނީ އޭނާގެ މައްޗަށް ނުވަ ދައުވާއެއް ކޮށްފައެވެ.

އާސިފްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ އާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާ އަދި ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާއެވެ.

ކްރިމިނަލް ކޯޓުން އާސިފްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެފައިވާއިރު، އޭގެ ތެރެއިން ޖިންސީ ގޯނާގެ ތިން ދައުވާ ސާބިތުވެ ކޮންމެ ދައުވާއަކަށް އޭނާގެ މައްޗަށް ވަނީ 7 އަހަރުގެ ހުކުމެއް އިއްވާފައެވެ. އަދި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ ސާބިތުވެ، އޭގެތެރެއިން އެއް ދައުވާ 15 އަހަރުގެ ހުކުމެއް އިއްވިއިރު، ދެވަނަ ދައުވާއަށް އިއްވާފައި ވަނީ 17 އަހަރުގެ ހުކުމެކެވެ.

މީގެއިތުރުން ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ އެއް މަހާއި 15 ދުވަހުގެ ހުކުމެއް އިއްވިއިރު، ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ ސާބިތުވެ 22 ދުވަހުގެ ހުކުމެއް ވަނީ އިއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *